ބުރެޒިލްގެ ފޯވާޑް ނޭމާ ހޯދުމަށް ޗެލްސީގެ ވެރިޔާ މިދިޔަ އަންގާރަ ދުވަހު ފުރާނަސްގެ ޕީއެސްޖީގެ ރައީސްއާއި ބައްދަލު ކޮއްފިއެވެ.

އެމެރިކާކެ ވިޔަފާރިވެރިޔާ ޓޮޑް ބޮއެއްލީ މިދިޔަ އަހަރު ޗެލްސީ ގަތީ 5 ބިލިއަން ޔޫރޯއަށެވެ. އެއަށްފަހު ޓީމު ރަނގަޅު ކުރުމަށް މިހާތަނަށް ވަނީ 600 މިލިޔަން ޔޫރޯ ހަރަދު ކޮށްފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ޓޮޑް ބޮއެއްލީ ވަނީ ޕީ.އެސް.ޖީގެ ރައީސްއާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

ދެ ޓީމްގެ ވެރިންގެ މަޝްވަރާތަކުން ނޭމާ ވިއްކާލުމުގެ ޑީލްގައި އެއްވެސް ކުރިއެރުމެއް ލިބުނުކަން ނުވަތަ ނޫން ކަމެއް އަދި މީޑިއާތަކަށް ވެސް ކަށަވަރެއް ނުވެއެވެ.

މީގެ ހަ އަހަރު ކުރިން ރެކޯޑު އަގަކަށް ސްޕެއިންގެ ބާސެލޯނާއިން ޕީ.އެސް.ޖީއަށް ބަދަލުވި ނޭމާގެ ކޮންޓުރެކްޓު ހަމަވާނީ 2027 ވަނަ އަހަރުއެވެ. އެހެން ނަމަވެސް މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން ފިނި މޫސުމުގެ ޓުރާންސްފާގައި ނޭމާ ޗެލްސީއަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޗެލްސީއަށް ނޭމާ ގެންދަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާއިރު ދާދި ފަހުން ނޭމާއާއި ޕީ.އެސް.ޖީގެ ސްޕޯޓިން ޑިރެކްޓަރަކާއި ހިނގި ދެބަސްވުމަކަށްފަހު، ނޭމާ އެޓީމުގައި މަޑު ކުރާނެ ކަމާމެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

2017 ވަނަ އަހަރު ޕީ.އެސް.ޖީއާއި ގުޅުމަށް ފަހު ނޭމާ ވަނީ އެޓީމަށް 172 މެޗު ކުޅެދީ، 117 ލަނޑު ޖަހާދީފައެވެ. ނަމަވެސް ޕީއެސްޖީ އިން އެންމެ ބޭނުންވާ ކާމިޔާބީ ކަމަށްވާ އެޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުން އަދި ހާސިލްވާ ގޮތެއް ނުވެއެވެ.

ޕީއެސްޖީގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ލިއޮނަލް މެސީގެ ކޮންޓެކްޓް ވެސް މިއަހަރު ހަމަވާނެއެވެ. ނަމަވެސް މެސީގެ ކޮންޓެކްޓް އިތުރު ކުރާކަށް އަދި ޕީއެސްޖީ އިން ނުނިންމައެވެ.