އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން ޗެލްސީ ބަލިވިއިރު، މެންޗެސްޓާ ސިޓީއިން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ނަގާލައިފިއެވެ.

ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ސައުތެމްޓާން އަތުން 1-0 ގެ ނަތީޖާއިން ބަލިވެފައެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޗެލްސީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައި ވަނީ ވާޑް ޕޯސޭއެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ހިލޭ ޖެހުމުން ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނައިން ހިލޭ ޖެހުމުން ލަނޑު ޖަހާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމްއެވެ. އޭނާ ވަނީ ހިލޭޖެހުމުން 18 ލަނޑު ޖަހާފައެވެ.

މި މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް ޗެލްސީން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ޓީމްގެ ލިބުނު ހުސް ފުރުޞަތުތަކުގެ ބޭނުން ކުރެވިފައި ނުވެއެވެ. ޓްރާންސްފާގައި ކުރި ބޮޑެތި ޚަރަދުތަކާއި އެކު އަދިވެސް ޗެލްސީއަށް ހަމަނޭވާއެއް ލެވޭވަރެއް ނުވެއެވެ. އެ ޓީމަށް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެވިފައި ވަނީ ވެސް އެންމެ ދެ މެޗުންނެވެ.

މި ނަތީޖާއާއެކު ޗެލްސީ މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ޗެލްސީ އަތުން މޮޅުވެ ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން ވަނީ އުންމީދެއް ހޯދާފައެވެ. އެ ޓީމަށް 23 މެޗުން 18 ޕޮއިންޓް ވަނީ ލިބިފައެވެ.

ރޭ މެންޗެސްޓާ ސިޓީއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ. ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅެފައިވާއިރު، އެ ޓީމުން މެޗުގައި ލީޑު ނަގާފައި ވަނީ 41 ވަނަ މިނެޓުގައި ގްރީލިޝް ދިން ޕާހަކުން ބާނާޑޯ ސިލްވާ ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ނަތީޖާ ފޮރެސްޓުން ހަމަހަމަ ކޮށްފައި ވަނީ 84 ވަނަ މިނެޓުގައެވެ. މި ލަނޑު ގިބްސް ވައިޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރިސް ވުޑްއެވެ.

މި ނަތީޖާއައިއެކު ސިޓީއަށްވުރެ އެއް މެޗު މަދުންކުޅެ އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ. އާސެނަލްއަށް 23 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް 24 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ.