ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީ ބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ސިންގަޕޫރު ބަލިކޮށް ރާއްޖެއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އޮތް މެޗަށް ނުކުންނައިރު، ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު، ސީދާ ތިން ސެޓުންނެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ލީޑު ކުރަމުން ދިޔައީ ސިންގަޕޫރުންނެވެ. ރާއްޖެއިން 26-24ން ފުރަތަމަ ސެޓު ކާމިޔާބުކުރީ ކުޅުމުގެ ތެރެއިން ސިންގަޕޫރުގެ ކުޅުންތެރިޔަކު ނެޓުގައި ޖެހުމުން ލިބުނު ޕޮއިންޓާއެކުއެވެ.

ދެ ވަނަ ސެޓު ފަށައިގެން ސިންގަޕޫރުން ލީޑު ނެގި ނަމަވެސް ރާއްޖެއިން ވަނީ ނަތީޖާ ހަމަހަކޮށް، ލީޑު ނަގާފައެވެ. އޭގެ ފަހުން ސިންގަޕޫރުން ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑުވެސް ނަގާފައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ނަތީޖާ ހަމަހަަކޮށް 10-7ން ލީޑު ނަގާފައެވެ.

މި ސެޓުގައި ރާއްޖެއަށް ގޭމް ޕޮއިންޓު ހޯދައިދިނީ ހުޒަންޓޭއެވެ. ރާއްޖެއިން 25-20ން ސެޓު ނިންމާލީ ސިންގަޕޫރުގެ ހަމަލާއެއް ބްލޮކްކޮށްގެންނެވެ. ތިންވަނަ ސެޓު ފަށައިގެންވެސް ރާއްޖެއިން ވަނީ ލީޑު ނަގައިގެން ކުޅެފައެވެ. ސެޓުގެ ކުރީކޮޅު ރާއްޖެއިން ވަނީ 6-2ން ލީޑު ނަގައިގެން ކުޅެފައެވެ. މި ސެޓުގައިވެސް ރާއްޖެއިން މުހިންމު ބޯޅަތަކަށް ކުޅެ ހަމަލާތަކެއް އުފެއްދިއިރު، ސިންގަޕޫރުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

ސެޓުގައި ރާއްޖެއަށް ގޭމް ޕޮއިންޓު ހޯދައިދިނީ ހުސައިން ރަޒާންއެވެ. އަދި 25-21ން ރާއްޖެއަށް ސެޓު ނިމި، މެޗުން މޮޅުވީ ސިންގަޕޫރުން ފޮނުވާލި ހަމަލާ ބޭރަށް ދިޔުމުންނެވެ.

މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ހަވާލުވި ފަހުން ޓީމު މޮޅުވި ފުރަތަމަ މެޗެވެ. އޭނާ ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ރޭ މެލޭޝިއާ އަތުން ރާއްޖެ ބަލިވީ 3-1 އިންނެވެ. ސިންގަޕޫރުގެ ކޯޗަކަށް ހުރީ ކުރިން ރާއްޖޭގެ ޓީމަށް އިރުޝާދުދިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.

ރާއްޖެއަށް ދެން އޮންނާނީ އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުން މޮޅުވުމުން ލީގު ބުރުގެ އެއް ވަނަ އަށް ދިޔުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތެވެ. ރާއްޖެ ޖެހޭނީ ފަސް ސެޓަށް ނުގޮސް އަފްގާނިސްތާން ބަލިކުރާށެވެ.