ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކުވެސް ހުޅުމާލޭގައި ބާއްވަމުން އަންނަ ވޮލީ ކޭމްޕް މިފަހަރު މ.މުލަކުގައި ފަށައިފިއެވެ.

ބިޔޯންޑް ހުޅުމާލޭގެ ދަށުން އެ ކޯޕަރޭޝަނުން އަންނަނީ ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ވެސް އިޖްތިމާއީގޮތުން ކައުންސިލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަމަށް އާބަންކޯއިން ބުންޏެވެ.

މިގޮތުން މ.މުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޭމްޕަށް ކިޔަނީ "ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023" އެވެ. މި ކޭމްޕަކީ، މުލަކުގެ ދެ ޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެކެވެ.

އާބަންކޯއިން ބުނީ މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 7ން 9 އަކާ ދެމެދުގައި ކިޔަވާ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 50 އަށްވުރެ ގިނަ ކުދިން ހިމަނައިގެން ކަމަށާއި މި ކޭމްޕް ކުރިއަށް ގެންދެވޭނީ ފެސްޓިވަލެއްގެ ގޮތުގައި 22 އޭޕްރިލް 2023 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ކަމަށެވެ.

މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސަރަހައްދަށް އަމާޒުކޮށްގެން އަރބަންކޯގެ ފަރާތުން ވޮލީ ކޭމްޕް ބާއްވާފައިވާއިރު، މިއީ މާލެ ސަރަހައްދުން ބޭރުގައި މި ކޭމްޕް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ ކުޅިވަރުތައް ބޭއްވުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި ތަރުހީބު ލިބިގެންދާކަމަށް އާބަންކޯއިން ފާހަގަކުރިއެވެ. ވީމާ، އާބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ ފަރާތުން މުސްތަގުބަލުގައި ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަވާލާ

    މި މީހުންވެސް ސޯލިބޭއަށް ކެންޕެއިން ޖެއްސީދޯ ކުއްފުނި ދަވާލާ ، ސަރުކާރުގެ ހުރިހާ ކުއްފުނިތަކެއް މިހާރު ބަގުރޫޓު ވާންކައިރިވެއްޖެ ހައްދެއްނެތި ވަޒީފާ ދިނުމާ ސީއެސްއާރު އޭ ކިޔާފައި ކުއްފުނިން ބޭކާރު ހަރަދުތައް ކޮން ހަޒާނާ ލޫޓުވާލައިފި

  2. ނާޒް

    އަކުން ބަކޯ ދަނީ ދިމާބަނގުރޫޓުވާން.