އާޖެންޓީނާއަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިން ކޯޗު ލިއޮނަލް ސްކޮލާނީ ގައުމީ ޓީމުގައި 2026 ގެ ނިޔަލަށް މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.

އާ އެއްބަސްވުމާއެކު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި ހަމައަށް ސްކޮލާނީ އެމަގާމްގައި ދެމިހުންނާނެއެވެ.

އާޖެންޓީނާގެ ކޯޗުކަމާ ސްކޮލާނީ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޓީމު ވަނީ ކޮޕާ އެމެރިކާ މުބާރާތާއި، ފައިނަލިސިމާ އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން އާންމު ކުރި ބަޔާނެއްގައި ވާގޮތުން ސްކޮލާނީގެ މުއްދަތު އިތުރު ކުރަން އެއްބަސްވުމަކަށް އާދެވިފައިވަނީ ފަރަންސޭސިވިލާތުގައި ރޭ ބޭއްވި ފީފާ އީނާމް ދިނުމުގެ ރަސްމިއްޔާތުގެ ކުރިން ފެޑެރޭޝަންގެ ރައީސް ކްލައުޑިއޯ ޓާޕިއާ އާއި ސްކަލޯނީ އާ ދެމެދު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ސްކޮލާނީ ޓީމްގައި މަޑުކުރަން ނިންމި ނަމަވެސް އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން ލިއޮނެލް މެސީ ޓީމަށް އިތުރަށް ކުޅޭނީ ކިހާދުވަހެއް ކަމާމެދު މިއީ ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަދި މެސީ އާއި ނުލާ އާޖެންޓީނާ ޓީމް ބައްޓަން ވެގެންދާނެ ގޮތްވެސް މިއީ ގިނަ ބަޔަކު ބަލާލަން ބޭނުންވެފައިވާ ކަމެކެވެ.

ރޭ ބޭއްވި "ދި ބެސްޓް" އެވޯޑް ހަފްލާގައި ސްކަލޯނީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދާފައެވެ.