އިނގިރޭސި ޕްރިމިޔަރ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާއި ނިއުކާސަލް ބައްދަލުރި މެޗު 0-2ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ އެތިހެޑް ސްޓޭޑިއަމް ގައި ކުޅުނު މި މެޗުގައި މިހާރު ތާވަލުގެ ފަސް ވަނައިގައި އޮތް ނިއުކާސަލްއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ މިމެޗުގައި ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ 15ވަނަ މިނެޓުގައި ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. އޭރިޔާގެ ބޭރުން ރޮޑްރީ ދިން ބޯޅައެއް ހިފައިން ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށްވަދެ، ހަތަރު ކުޅުންތެރިން ނެއްޓުމަށްފަހު ކާމިޔާބުކޮށްދިން ގޯލާއެކު ޓީމުގެ ކޯޗު ޕެޕް ގާދިޔޯލާ ބުނި "ޑައިމަންޑް" ފެނިގެން ދިޔައެވެ.

ނިއުކާސަލް ޔުނައިޓެޑުން ވެސް ނުރައްކާ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ސިޓީގެ ޑިފެންސްއާއި ކީޕަރުގެ ހުށިޔާރު ކަމުން ވަނީ ނާކާމިޔާބު ވެފައެވެ. މެޗުގެ ދެވަނަ ގޯލު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.

މެންޗެސްޓަރ ސިޓީގެ ފުރަތަމަ ގޯލު

މެޗުގެ 67 ވަނަ މިނެޓުގައި ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހާލަންޑް ދިން ބޯޅައެއް ވަރަށް އުނދަގޫ ގޮތަކަށް ގޯލުގެ ކަނައް ފޮނުވާލަ ދިނީ ބާނޭޑޯ ސިލްވަރއެވެ. ފުރަތަމަ 11ގައި ނުހިމެނުނު ނަމަވެސް 65ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ އޭނާ ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ.

މި މެޗާއެކު ކުޅުނު 26 މެޗުން ލިބުނު 58 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ދެވަނައިގައެވެ. 60 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި ހަމަ ޖެހިލައިގެން އޮތްއިރު 49 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑު އޮތީ ތާވަލުހެ ތިން ވަނައިގައެވެ. މިރޭ ޕްރިމިޔަރ ލީގުގެ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ.