އިނގިރޭސި ޕްރިމިޔަރ ލީގުގައި މިރޭ ބޯންމައުތާއިި ދެކޮޅަށް ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ބޯންމައުތުންނެވެ. މެޗު ފަށައިގެން 43 ވަނަ ސިކުންތުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕް ބިލިންނެވެ. މިއީ ރެލިގޭޝަނުގައި އޮތް ޓީމަކުން މިހާ އަވަހަށް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. ފުރަތަމަ ހާފުގެ ކޮންޓްރޯލު އާސެނަލުގެ އަތުގައި އޮތް ނަމަވެސް އެޓީމުން އުފެއްދި ހުރިހާ ހަމަލާއެއް ބޯންމައުތުން ވަނީ ހުއްޓުވާފައެވެ.

ފުރަތަމަ ހާފު 1-0ގެ ނަތީޖާއަކުން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ބޯންމައުތުން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ސެނެސީއެވެ. ދެ ލަނޑުގެ ލީޑެއްގައި ބޯންމައުތު އޮތް ނަމަވެސް އުންމީދު ކަނޑާނުލާ އާސެނަލުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 62ވަނަ މިނެޓުގައި އާސެނަލުން ވަނީ ބޯންމައުތުގެ ގޯލު ހުޅުވާ އުންމީދު އާކޮށްފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ކޯނަރުގެ ބޭނުން ހިފާ އާސެނަލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ތޯމާސް ޕާޓޭއެވެ. މި ލަނޑާއެކު އާސެނަލުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ.

އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ބެން ވައިޓެވެ. ރެއިސް ނެލްސަން ދިން ބޯޅައަކުން ގޯލަށް ފޮނުވާލި މި ބޯޅަ ބޯންމައުތުގެ ކީޕަރު ދިފާއުކުރި ނަމަވެސް އޭރު ބޯޅަވަނީ ގޯލު ރޮނގު ހުރަސްކޮށްފައެވެ.

2-2ގެ ނަތީޖާއަކުން މެޗުން ނިމެން ދަނިކޮށް އާސެނަލް ލީޑު ނަގާދިނީ ދެވަނަ ގޯލު ޖެހުމަށް އެހީތެރިވެދިން ރެއިސް ނެލްސަންއެވެ. މެޗުގެ 90 މިނެޓު ހަމަ ވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓުގެ ކުޅުން ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ބޯންމައުތުގެ އޭރިޔާ ކަނުން ފޮނުވާލި ބާރު ހަމަލާއިން ގޯލު ޖަހާ އެނާވަނީ އާސެނަލްގެ އަސްލު ފެންވަރު ދައްކާލާފައެވެ.

ކުޅުނު 26 މެޗުން 63 ޕޮއިންޓް ހޯދައިގެން އާސެނަލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލި އިރު ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައި ވަނީ 58 ޕޮއިންޓެވެ. މިރޭ ދެން ކުޅުނު މެޗުތަކަށް ބަލާއިރު ގިނަ ދުވަސް ތަކަކަށްފަހު ޗެލްސީ މޮޅުވި އިރު ޓޮޓެންހަމް ވަނީ ބަލިވެފައެވެ.