އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ކޮލިފައިންގެ ޕޯޗުގަލް ސްކޮޑުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ސައުދީގެ އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

ޕޯޗުގަލްގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާކަން އެޓީމުގެ ކޯޗު، ރޮބާޓޯ މާޓިނެޒް އާއި ހަވާލާދީ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ރޮނާލްޑޯ ޓީމުގައި ހިމަނާފައިވަނީ މާޓިނޭޒްއާއި ރޮނާލްޑޯ ތަކުރާރުކޮށް ބައްދަލުކޮށް ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ.

މާޓިނޭޒް ޕޯޗުގަލް ޓީމުގެ ކޯޗު ކަމާއި ހަވާލުވީ، މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކެޓުމާއި ގުޅިގެން ފަނާންޑޯ ސަންޓޮސް އިސްތިއުފާ ދިނުމުންނެވެ.

މާޓިނޭޒްގެ ކޯޗު ކަމުގެ ދަށުން މިމަހުގެ ފަހުކޮޅު ޕޯޗުގަލް އިން ޔޫރޯ ކޮލިފަޔާސްގެ ދެ މެޗު ކުޅޭއިރު، މި މެޗުތަކުން ރޮނާލްޑޯ ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީޑީއާތަކަށް ދިން އިންޓަވިއިއެއްގައި މާޓިނޭޒް ބުނެފައިވަނީ ރޮނާލްޑޯއަކީ ވަރަށް ކޮމިޓެޑް ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯގެ ތަޖުރިބާއާއި އެކީ ޓީމަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އޭނާއަކީ ކުޅުންތެރިން ނެގުމުގައި އުމުރަށް ބަލާ މީހެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އުމުރުން 38 އަހަރުގެ ރޮނާލްޑޯ ބޮޑު އަގަކަށް ސައުދީގެ އަލް-ނަސްރަށް ބަދަލުވުމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ޔޫރަޕުގެ އެކި ދިމަދިމާލުން އޭނާއަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.