އާސެނަލްގެ ކޯޗު އާސެން ވެންގާ އަކީ އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ތަފާތު އެއް މެނޭޖަރޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކޯޗެއްގެ ހައިސިއްޔަތުން ވެންގާ އަކީ މޮޅު މީހެކެވެ. ކުޅުންތެރިންނަށް އެހީތެރިވެ ކުޅުންތެރިންގެ އެންމެ މޮޅު ފެންވަރު އެ ކުޅުންތެރިންގެ ކިބައިން ނެރުމަކީ ވެންގާގެ އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރެވެ. އެހެންނަމަވެސް އާސެނަލްގެ އެތައް ސަޕޯޓަރުންނެއްގެ އިތުރުން ކުރީގެ ކުޅުންތެރިންނާއި ފުޓުބޯޅަ ދިރާސާކުރާ އެކި ފަރާތްތަކުންވެސް ވަނީ އާސެނަލްގައި ވެންގާގެ ވަގުތު ހަމަވެފައިވާކަމަށް ބުނެ އެހެން ކޯޗެއް ގެނައުމަށް ގޮވާލަމުންނެވެ.

ކުލަބެއްގެ އާންމު ސަޕޯޓަރުން އެ ކޯޗަކާއި ދެކޮޅަށް ބަޢާވާތް ކުރާނީ އެ ކޯޗެއްގެ ކިބައިން ހިތްހަމަނުޖެހޭ އެތައް ކަމެއް ފެނުމުންނެވެ. އާސެނަލްގެ އެތައް ސަޕޯޓަރުންނެއް ވަނީ އަހަރުތަކެއް ވަންދެން ކުލަބުގެ ކޯޗުކަމުން ވެންގާ ވަކިކުރުމަށް ގޮވާލައި ޝުއޫރު ފާޅުކޮށްފައެވެ. ވެންގާ މިހާ ދުވަސްވަންދެންވެސް ކޯޗު ކަމުގައި އެހުރީ ހަމައެކަނި ކުލަބުގެ މެނޭޖްމެންޓުން ވެންގާއަށް ކުރާ އިތުބާރަކުންނެވެ.

އޯބެމިޔޭންގް، އޮޒިލް އަދި މިކިޓަރްޔަން ފަދަ ކިތަންމެ މޮޅު ކުޅުންތެރިންނެއް އާސެނަލްއަށް ގެނެވުނު ނަމަވެސް ވެންގާގެ އުކުޅުތަކަކީ ޕްރެމިއާރ ލީގުގެ ގިނަ ކޯޗުންނަށް މިހާރު ދަސްވެ ބާވެފައިވާ އުކުޅުތަކެކެވެ. ނަތީޖާއަކީ އާސެނަލްއަށް ޕްރެމިއާ ލީގުގެ ބަލި ޓީމުތަކުގެ ކިބައިންވެސް ތިން ޕޮއިންޓު ހޯދުމަށް ދަތިވެގެންދިޔުމެވެ.

ލީގުގެ އެހެން ޓީމުތަކަށް ބަލާލާއިރު މެންޗެސްޓާރ ސިޓީއިން ދަނީ ޕެޕް ގާޑިއޯލާ ކޯޗްގެ މަގާމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވެ ތާވަލުގެ އެއްވަނައިގައި އުދުހެމުންނެވެ. މެންޗެސްޓާރ ޔުނައިޓެޑުން ވެސް ދަނީ މޮރީނިއޯ އާއިއެކު އަނބުރާ ރަން ދުވަސްތަކާއި ދިމާލަށް މަޑު މަދުން ދަތުރުކުރަމުންނެވެ. ޕޮޗެޓިނޯގެ ޓޮޓެންހަމްއިން ދަނީ މާ ގިނަ ހަރަދުތަކަކާއި ނުލައި ދުވަހަކަށްވުރެ ދުވަހެއް ކުލަބުގެ ފެންވަރު ރަނގަޅު ކުރަމުންނެވެ.

އެހެންނަމަވެސް އާސެނަލް މިދަނީ ދުވަހަކަށްވުރެ ދުވަހެއް ދަށަށެވެ. އެތައް ބަޔަކު ވަނީ ވެންގާގެ އުކުޅުތައް މުސްކުޅިވެއްޖެ ކަމަށް ބުނެ އޭނާ މަގާމުން ދުރުކުރަން ގޮވާލަމުންނެވެ. 1996 ން ފެށިގެން ވެންގާ އަށް ވަނީ އާސެނަލްއަށް ހަގީގީ ކާމިޔާބީތަކެއް އަހަރަކަށްފަހު އަހަރެއް ހޯދައިދިނުމުގައި ނާކާމިޔާބުވެފައެވެ. ވެންގާގެ ވަގުތު ހަމަވީބާ؟ އާސެނަލްގެ ކޯޗުކަމުން ވެންގާ ނޫން އެހެން މީހެއް ފެންނަ ދުވަސް އެންމެ ފަހުން ކައިރިވީބާ؟

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކެނެރީ ނަސީދޫނި

  މަށާ ހަވާލުކޮއްބަލަ! ކަށަވަރުތާ .މެޗް އަކުން ބަލިވާ އިރަށް އިސްތިއުފާދީފަ މަ ބަޗާނަން. ނުޖެހެ މާބުރަމަސައްކަތެއް ކުރާކަށް މަ ބޭރުނުވެގެން.

 2. ނުރަބޯ

  މިއޮތްހާ ދުވަހު އާސެނަލް ފުޓްބޯޅައިގެ މަތިފަޑީގައި އޮތްއިރު ވެންގާވަރެއްނެތް. މިހާރު އެއްކަލަ ވެންގާއާއި ދެކޮޅަށް ފޫގަޅަނީ...؟
  ވެންގާއަށްވެސް އޮތް އެންމެ މޮޅު ގޮތަކީ ޓީމު ރަގަޅު ޙާލަތުގައި އޮއްވާ އިސްތިޢުފާދީ ކުޅިވަރާ ދުރުވުން. އެއިރުން އޭނާގެ މޮޅުކަމުން މިސާލު ޖަހާނެ.....!!!

  • Anonymous

   ޜަގަނޅު ވާހަކައެއް