ޕެނަލްޓީ ޖަހާ ގަޑީގައި ގޯލްކީޕަރުން އަމަލު ކުރަން ޖެހޭ އާ އުސޫލާ ގުޅޭ ގޮތުން ފްރާންސްގެ ގޯލްކީޕަރު މައިކް މެންޔޯން ނުރުހުން ފާޅުކޮށްފިއެވެ.

މެންޔޯން ކުރި ޓްވީޓެއްގައި ފީފާއަށް ފާޑު ކިޔަމުން ބުނީ 2026 ވަނަ އަހަރުގައި އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އާ ގަވާއިދެއް އެކުލަވާލުމުގައި އިދިކޮޅު ޓީމްގެ ކުޅުންތެރިޔާ ޖަހާ ޕެނަލްޓީ ލަނޑު، ގޯލްކީޕަރަށް ދިފާއުކުރެވިއްޖެއްޔާ އިދިކޮޅު ޓީމްއަށް ނުސީދާ ހިލޭ ޖެހުމެއް ލިބޭ ގޮތަށްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އެހެންވެ، އާ އުސޫލާ މެދުގައި ހިތްހަމަނުޖެހޭ ފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަ ދައްކައިފައެވެ.

އައިއެފްއޭބީ އިން ގޯލްކީޕަރުންނަށް ޚާއްސަކޮށް އާ ގަވާއިދުތަކެއް އުފައްދާފައިވަނީ ގަތަރުގައި ބޭއްވި ނިމިދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާއިން ފްރާންސްގެ މައްޗަށް ހޯދި މޮޅުގައި އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް ބޭނުންކޮށްފައިވާ އުކުޅުތަކުގެ ސަބަބުންނެވެ.

ފްރާންސްއާއި ދެކޮޅަށް ކުޅުނު ތާރީޚީ ފައިނަލް މެޗްގައި ޕެނަލްޓީ ޖެހުމުގެ ތެރެއިން މާޓިނޭޒް ވަނީ ފްރާންސްގެ ކުޅުންތެރިންގެ ސަމާލުކަން ގޯލް ޖެހުމުން އެއްކިބާކޮށް އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދަމައިގަންނަ ފަދަ އެކި އުކުޅުތައް ބޭނުންކޮށްފައެވެ. ދާދި ފަހުން ރިޓަޔަރވި ފްރާންސްގެ ގޯލްކީޕަރ ހޫގޯ ލޯރިސްވެސް ވަނީ އެ ކަން ފާހަގަކޮށްފައެވެ. އަދި މާޓިނޭޒް ވެސް ވަނީ އެކަމާ އެއްބަސްވެފައިއެވެ.

އައިއެފްއޭބީއިން ނިންމާފައިވާ ގޮތުގައި ޖުލައި އެކެއްގެ ފަހުން އެއްވެސް ގޯލްކީޕަރަކަށް މިފަދަ އުކުޅުތައް ބޭނުންކުރުން މަނާވާނެއެވެ. މާޓިނޭޒް ވަނީ ޕެނަލްޓީ ޖެހި ވަގުތުގައި، އޭނާ ބަލަހައްޓަމުންދިޔަ ގޯލް ޕޯސްޓުގައި ހިމޭނުން ނުހުރެ އިދިކޮޅު ކުޅުންތެރިޔާ ޕެނަލްޓީ ޖަހަން ފޮނުވި ބޯޅަ ވީހާވެސް ދުރަށް އެއްލާލާފައިއެވެ. އޭގެ ސަބަބުން ފްރާންސްގެ ކުޅުންތެރިޔާއަށް ޕެނަލްޓީ ނާކާމިޔާބުވާން މެދުވެރިވިކަމަށް ފުޓްބޯޅަ ދިރާސާ ކުރާ މީހުން ބުނެއެވެ. އަދި ހަމައެއާއިއެކު އެ އަމަލުގެ ސަބަބުން ޕެނަލްޓީ ވަގުތުކޮޅު ބޭކާރުވީކަން ފާހަގަކޮށް، އައިއެފްއޭބީއިން ވަނީ ޕެނަލްޓީ ޖަހާ ވަގުތުތަކުގައި އެއްވެސް ވަރަކަށް ވަގުތު ބޭކާރު ކުރެވޭ ފަދަ ކަންތައްތަކުން ދުރުހެލިވުމަށް އަންގާފައިއެވެ. އާ ގަވާއިދުގެ ދަށުން ކީޕަރު ބޯޅަ އަތަށް ނަގައިގެން ބޯޅަ ދުރަށް ފޮނުވުމުގެ ބަދަލުގައި ބޯޅަ ދޭން ޖެހޭނީ ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާ އަތަށެވެ.

އާ ގަވާއިދުގައި ބުނެފައި ވާ ގޮތުން، ޕެނަލްޓީއެއް ޖަހަން ތައްޔާރުވާއިރުގައި ކީޕަރުންނަށް ގޯލު ޕޯސްޓުގެ ދަނޑިތަކާއި ނެޓުގައި އަދި ކްރޮސްބާގައި އަތް ނުލެވޭނެއެވެ. އޭގެ އިތުރަށްވެސް، ކުޅުންތެރިޔާ ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރުންނަށް ކުޅުންތެރިޔާއާއި ވާހަކަދެއްކުންވެސް މަނާވެގެންދާނެއެވެ.

އައިއެފްއޭބީއިން ވަނީ ޕެނަލްޓީގެ ފަހުން މާޓިނޭޒް ޖައްސާފައިވާ ވައްތަރުތަކަށް އިޝާރާތްކޮށް، އެފަދަ ކަންކަން ތަކުރާރުވެގެންނުދާނެ ގޮތަށްވެސް ގަވާއިދެއް ކަނޑައަޅާފައިއެވެ. މި ގަވާއިދުގެ ދަށުން ޕެނަލްޓީއެއް ނާކާމިޔާބު ވީމާ، ދަނޑު މަތީގައި ލަނޑު ޖަހަންދާ މީހާގެ ކުރިމަތީގައި އެކަމުގެ އުފާ ފާޅުކުރުން މަނާވާނެއެވެ.

އާ އުސޫލުތަކަށް މާޓިނޭޒް ވަނީ އެއްވެސް ވަރަކަށް ހާހެއް ނުވާ ކަމަށް ބުނެފައެވެ.

ފީފާއިން ހަދާފައިވާ އާ ގަވާއިދުތަކާއި ގުޅޭގޮތުން އީއެސްޕީއެންއާއި ވާހަކަދައްކަމުން މާޓިނޭޒް ބުނީ އޭނާއަކަށް އޭގެއިން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. މާޓިނޭޒް ބުނީ އޭގެ ސަބަބަކީ އޭނާ ބޭނުންވީ އުކުޅުތައް ބޭނުންކޮށްގެން އާޖެންޓީނާ ކެޕްޓަން މެސީގެ ހުވަފެން ހަގީގަތަކަށް ހަދާލެވިފައިވާތީ ކަމަށެވެ. އަދި އެކަން އެ އޮތީ ވެ ނިމިފައި ކަން އޭނާ ފާހަގަކުރިއެވެ.

ފީފާގެ އާ ގަވާއިދުތަކަށް ތަބާވުމަކީ އޭނާގެ ޒިންމާކަމަށް ބުނަމުން މާޓިނޭޒް ވަނީ އޭނާ އާ ގަވާއިދުތަކަށް އަހުލުވެރިވާނެ ކަމަށް ބުނެފައިއެވެ.