ރަމަޟާން މަހު މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުޞަތު ދިނުމަށްޓަކައި ފުޓްބޯޅަ މެޗް މެދުނުކެނޑުމަށް ފްރާންސްގެ ރެފްރީންނަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)އިން އަންގައިފިއެވެ.

"ދި ޑެއިލީ މެއިލް"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫހަށް މި ޚަބަރު ލިބިފައިވަނީ ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުން ރެފްރީންނަށް ފޮނުވާފައިވާ އީމެއިލް އެއް ލީކްވުމުގެ ސަބަބުންނެވެ.

އެފްއެފްއެފްއިން ވަނީ ފޮނުވާފައިވާ އީމެއިލްގައި އޮތް އެންގުމާއި ދެކޮޅަށް އަމަލުކުރާ ކްލަބްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އިންޒާރުދީފައިކަމަށްވެސް "ދި ޑެއިލީ މެއިލް"އިން ރިޕޯޓްކޮށްފައިވެއެވެ.

ބްރޭކަކަށް ފަހު ނިމިދިޔަ ހުކުރު ދުވަހުގައި "ފްރާންސް ލީގު ވަން" (ފްރެންޗް ލީގް) އިން ވަނީ މެޗްތައް ފަށާފައިއެވެ. މޮންޓްޕެލްޔޭ އާއި މާރސެއިލް ބައްދަލުކުރި އެ މެޗްގައި މި ދެ ޓީމް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައިއެވެ.

ފްރާންސްގެ ފުޓްބޯލް ފެޑަރޭޝަންއިން މިފަދަ ނިންމުމެއް ނިންމާފާވާއިރު އީއެފްއެލްއާއި ޕްރެމިއަރ ލީގްގެ ރެފްރީންނަށް ވަނީ މުސްލިމް ކުޅުންތެރިންނަށް އެނަރޖީ ޖެލް އާއި ސަޕްލިމެންޓް ބޭނުންކޮށްގެން ދަނޑުގެ އެއްފަރާތުގައި ރޯދަ ވީއްލުމުގެ ފުރުޞަތު ހޯދާދިނުމަށް އިރުޝާދު ދީފައިއެވެ. އެގޮތުން، އިނގިރޭސި 4 ޑިވިޝަންތަކުގެ ޓީމްތަކަށް ވަނީ މެޗްތައް ފެށުމުގެ ކުރިން ރޯދަ ވީއްލަން ބްރޭކް ލިބެންވީ ވަގުތުކޮޅެއް ރެފްރީއާއި މަޝްވަރާކޮށްގެން ކަނޑައެޅޭނެ ގޮތް ވެސް ހަދާދީފައިއެވެ.

މިއާއި ޚިލާފަށް ފްރެންޗް ލީގްގެ ރެފްރީންނަށް ފޮނުވި އީމެއިލްގައި އިރުޝާދު ދީފައިވަނީ "ފުޓްބޯޅައިގައި ކުޅުންތެރިންގެ ސިޔާސީ، ދީނީ، ފިކުރީ ނުވަތަ ޓްރޭޑް ޔޫނިއަންގެ ވިސްނުންތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރެވޭނެ" ކަމަށެވެ.

އެފްއެފްއެފްގެ މި ނިންމުމަށް ބައެއް ކުޅުންތެރިން ވަނީ ފާޑުކިޔާ ޒާތަކަށް ވާހަކަދައްކާފައިއެވެ. އެގޮތުން ފްރާންސްގެ ޤައުމީ ޓީމަށް ކުޅެފައިވާ ލޫކާ ޑިގްނޭ ނުރުހުން ފާޅުކުރާ ފަދަ އީމޯޖީތަކާއިއެކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "މިއީ 2023" ވަނަ އަހަރު ކަމަށެވެ. އޭނާ މިހެން ބުނެފައިވާއިރު، އެވަރޓަންގެ މިޑްފީލްޑަރ އަބްޑުލާޔޭ ޑުކޫރޭ ބުނީ "މުސްލިމް ކުޅުންތެރިންނަށް އެންމެ ކަމޭހިތާ އަދި އެންމެ ރަނގަޅު ލީގަކީ ޕްރެމިއަރ ލީގް" ކަމަށެވެ.

ކުޅުންތެރިންގެ އިތުރުން ޕީއެސްޖީގެ ސަޕޯޓަރުންވެސް ވަނީ މިކަމަށް ފާޑުކިޔާ ޒާތަކަށް ވާހަކަދައްކާފައި އެވެ. އެގޮތުން ޕީއެސްޖީއަށް ސަޕޯޓްކުރާ ގްރޫޕަކުން ވަނީ މި ނިންމުން " (އެންމެ) ކަދުރަކާއި ފެން ތައްޓަކީ ޕީއެސްޖީއަށް ބިރުވެރިކަމެއް"ގެ ގޮތުގައި ސިފަކޮށްފައިއެވެ.

މި އަހަރުގެ ރަމަޟާން މަހުގައި ޕްރެމިއަރ ލީގްގެ ބައެއް ކްލަބްތަކުން ދަނީ އެ ކްލަބްގެ މުސްލިމް ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ޚާއްސަ ރޯދަ ވީއްލުންވެސް އިންތިޒާމްކުރަމުންނެވެ.