މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެހީތެރިކަމާއެކު ބާއްވާ ކްލަބް ޔޫތު ސިޓީ ރަމަޟާން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް މެޓަލް ޑިޒައިން ދަތުރުކޮށްފިއެވެ.

މެޓަލް ޑިޒައިން މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލް މެޗުގައި ޑީވީވީއޭއާ ވާދަކޮށް 3-2 ސެޓްގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކްލަބް މެޓަލް ޑިޒައިންގެ ޖާޒީ ނަމްބަރު 10 އަލީ އާމިރުއެވެ.

ރޭގައި ފިރިހެން ޓީމްތަކުގެ ސެމީ ފައިނަލް ފަށާފައިވާއިރު، މިރޭ 21:30 ގައި އަންހެން ޓީމްތަކުގެ ސެމީ ފައިނަލް ފަށާނެއެވެ.

އެގޮތުން، މިރޭ ޑީވީވީއޭ ޕަވަރ ގާރލްސްއާއި ޕަރލް ޓީމްއިން ވާދަކުރާ ސެމީ ފައިނަލް މެޗް އޮންނާނެއެވެ. އަދި މާދަމާ ރޭ ޑީވީވީއޭ އާއި ނިއުބީސް އެސްސީގެ އަންހެން ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ފިރިހެން ޓީމްތައް، ޕިނަކްލް ސްޕޯޓްސް އާއި ކްލަބް ޗެލެންޖަރސް ވާދަކުރާނެއެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ޓީމްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކްލަބް ޔޫތް ސިޓީން ބުނެފައިވެއެވެ. އެގޮތުން، މުބާރާތުގައި 3 ވަނަ ހޯދާ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ 2 ވަނަ ހޯދާ ޓީމަށް 15،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ހަމައެއާއިއެކު، މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާ ޓީމަށް 30،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތް ހިންގުމުގެ މަގްސަދަކީ ވޮލީ ބޯޅައިން ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުން ކަމަށް މުބާރާތް އިންތިޒާމްކުރި ކްލަބް ޔޫތް ސިޓީއިން ބުނެފައިވެއެވެ.

މި މުބާރާތުގައި އެކުލެވިފައިވަނީ ޖުމްލަ 12 ޓީމެވެ. އެއީ އަންހެން ކުޅުންތެރިން އެކުލެވޭ ހަ ޓީމް އާއި ފިރިހެން ކުޅުންތެރިން ހިމެނޭ ހަ ޓީމްއެވެ. ކްލަބް ޔޫތް ސިޓީއިން ބުނީ މި މުބާރާތުގައި 200 އަށް ވުރެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެފައިވެއެވެ.

މި މުބާރާތް އިންތިޒާމްކޮށްފައިވާ ކްލަބް ޔޫތް ސިޓީއަކީ 2017 ގައި ރަޖިސްޓަރ ވުމަށްފަހު ވޮލީބޯޅަ ކުރިއަރުވަން ގިނަގުނަ މަސައްކަތްތަކެއްކޮށްފައިވާ ޖަމިއްޔާއެކެވެ.