ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އިން، މެންޗެސްޓާރ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ނަމަވެސް އޭނާ ބާސެލޯނާ އަށް ނުދާން ނިންމައިފިނަމަ ބޮޑު ބޯނަސް އެއް ދޭން ޔުނައިޓެޑުން ނިންމައިފިއެވެ.

މެޓްރޯ އިން ބުނާ ގޮތުގައި ޕައުލް ޕޮގްބާ ކޭމްޕް ނޫ އަށް ބަދަލު ވާކަމަށް ހަބަރު ތަކުން ބުނަމުން އައި ނަމަވެސް އޭނާ ޔުނައިޓެޑުގައި މަޑު ކުރަން ނިންމައިފި ނަމަ ޔުނައިޓެޑުން އޭނާ އަށް 3.4 މިލިއަން ޕައުންޑު ދޭން ވަނީ ނިންމާފައެވެ.

މިހާރު ޕްރެމިއާރް ލީގުގެ ޓްރާންސްފާގެ ދޮރުތައް ބަންދުވެފައި ވީނަމަވެސް ސްޕެނިޝް ލީގު ނުވަތަ ލަލީގާގެ ޓްރާންސްފާގެ ދޮރުތައް އަދިވެސް ވަނީ ހުޅުވިފައެވެ. ލަލީގާގެ ޓްރާންސްފާ ދޮރުތައް ބަންދުވާނީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގައެވެ.

ޕޮގްބާ ގެންނަން ބާސެލޯނާ އިން މަސައްކަތް ކުރާއިރު މިސީޒަނުގެ ކުރިން އެޓީމުން ވަނީ މޮޅެތި ހުނަރުވެރި ކުޅުންތެރިން ގެނެސްފައެވެ. މީގެތެރޭގައި ބަޔާން މިއުނިކް އިން އޯޓޫރޯ ވިޑާލް، މެލްކަމް، އާރތާ ހިމެނެއެވެ.

އެހެން ނަމަވެސް ހޯސޭ މޮރީނިއޯ ވަނީ ޕައުލް ޕޮގްބާ، މެންޗެސްޓާރ ޔުނައިޓެޑު މި ސީޒަނުގައި ޕްރެމިއާރ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ކެޕްޓަން އަކަށް ހަދާފައެވެ. ޕޮގްބާ ވަނީ ފާއިތުވެ ދިޔަ މަހުގައި ރަޝިޔާގައި ކުޅެވުނު ފީފާ ވޯލްޑް ކަޕު ފައިނަލުގައި ކްރޮއޭޝިޔާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ތަށި ފްރާންސް އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.