އަހަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ސީރިއަސް ހާލަތުގައި އޮތް ޕީއެސްޖީގެ ކީޕަރު ސާޖިއޯ ރިކޯއާ ގުޅޭ ގޮތުން އޭނާގެ އަނބިމީހާ މީސް މީޑިއާ އަށް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ހެނދުނު އަހަކަށް އަރައި އުޅެނިކޮށް ވެއްޓި ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ސާޖިއޯ ރިކޯ އަށް ފަރުވާ ދެނީ ސެވިލްގައި ހުރި ހޮސްޕިޓަލެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާއެއް ލިބުނު އިރު، ފަރުވާ ދެނީ އައިސީޔޫގައެވެ.

ރިކޯގެ އަންހެނުން އަލްބާ ސިލްވާ ވަނީ އިންސްޓަގްރާމްގައި އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައިފައެވެ.

"އަހަރެންގެ ލޯބިވެރިޔާ، އަހަރެން އެކަނި ދޫކޮށްލާފައި ނުދޭ. އަހަރެންނަކަށް ނޭނގޭނެ ކަލާއާ ނުލައި ދިރިއުޅޭނެ ގޮތެއް ވެސް. އަހަރެން ވަރަށް ލޯބިވޭ،" އަލްބާ ސިލްވާ ބުނެފައިވެއެވެ.

މި މެސެޖުން އެނގެނީ އަލްބާ ސިލްވާ ކަންބޮޑުވެފައިވާ މިންވަރެވެ.

ހޯމަ ދުވަހު އަލްބާ ސިލްވާ ކުރި ހިއްސާ ކުރި މެސެޖްގައި ރިކޯގެ ސަޕޯޓަރުންނާއި ހެޔޮ ދުއާކޮށްދޭ އެންމެންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަރުމެން ދެކެ ވާ ލޯތްބަށް. ސާޖިއޯ އަށް ދުއާކޮށްދޭ ވަރަށް ގިނަ ބަޔަކު އެބަތިބި. އޭނާ ހުރީ ވަރަށް ވަރުގަދަކޮށް. އަހަރެންނަކަށް ނޭނގޭ މިވާ އިހްސާސަށް ދޭނެ ބަހެއް ވެސް،" އަލްބާ ސިލްވާގެ މެސެޖްގައިވެއެވެ.

މި ދެމަފިރިން މިދިޔަ އަހަރު ކައިވެނިކޮށްފައިވާ އިރު، ފިރިހެން ދަރިފުޅެއް ވެސް ލިބިފައިވެއެވެ. އަލްބާ ސިލްވާއަކީ ޕްރޮފެޝަނަލް މޮޑެލްއެކެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 129,000 އަށް އަރައެވެ.

މި ސީޒަންގައި ޕީއެސްޖީގެ ކީޕަރު އެ ޓީމަށް އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ. މިދިޔަ ސީޒަންގެ މެދާ ހިސާބުން އެ ކީޕަރު ވަނީ ލޯނެއްގެ ދަށުން ރެއާލް މަލޯކާ އަށް ބަދަލުވެފައެވެ.

ސެވިއްޔާގައި ހުރިއިރު، ރިކޯ ވަނީ ދެ ފަހަރު ޔޫއެފާ ޔޫރަޕާ ލީގު ކާމިޔާބުކޮށްފައެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރެވެ. ޕީއެސްޖީ އަށް 2020 ވަނަ އަހަރު ބަދަލުވި ފަހުން ރިކޯ ވަނީ 14 މެޗު ކުޅެފައެވެ. ޕީއެސްޖީއާ އެކުގައި ފްރާންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ޕީއެސްޖީން ވަނީ އެ ޓީމުގެ ކީޕަރަށް އަވަސް ޝިފާއަކަށް ވެސް އެދިފައެވެ. ޕީއެސްޖީގެ ބަދަލު ކީޕަރު މީގެކުރިން ވަނީ ޕްރިމިއާ ލީގުގެ ކްލަބް ފުލަމަށް ވެސް ކުޅެފައެވެ.