ރެއާލް މެޑްރިޑްގެ ތަރި ކަރިމް ބެންޒެމާ އެ ޓީމަށް ކުޅުނު ފަހު މެޗުގައި އޭނާގެ ލަނޑުން ނަތީޖާ އެއްވަރުވެއްޖެއެވެ.

ސްޕެއިންގެ ރެއާލް ދޫކޮށްލަން ނިންމުމަށްފަހު ކުޅުނު ވަދާއީ މެޗުގައި އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް ވީއެއްވަރެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ ފަހު މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި އެތުލެޓިކް ބިލްބާއޯއިން ލަނޑެއް ޖަހާފައި ވަނިކޮށް, ދެވަނަ ހާފްގައި ރެއާލް މެޑްރިޑުން ނަތީޖާ ހަމަހަމަކުރީ ބެންޒެމާ ޖެހި ލަނޑުންނެވެ. އެކަމަކު ކެޕްޓަން ބެންޒެމާ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އެއީ އެޑާ މިލިޓާއޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. 72 ވަނަ މިނެޓުގައި ލަނޑު ޖެހުމަށްފަހު އޭގެ ދެ މިނެޓު ފަހުން ބެންޒެމާ ބަދަލުކުރިއެވެ.

ރެއާލުން ބެންޒެމާ ދިއުމުން އަންނަ ސީޒަނަށް ފޯވަޑެއް ހޯދުމުގެ މަސައްކަތް އެ ކްލަބުން ދަނީ ކުރަމުންނެވެ. ރެއާލުން އެންމެ ބޮޑަށް މަސައްކަތްކުރަނީ ބެންޒެމާގެ ބަދަލުގައި ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ފޯވަޑް ހެރީ ކޭން ހޯދުމަށެވެ.

މިސީޒަން ނިމުމާއެކު ބެންޒެމާގެ ކޮންޓްރެކްޓް ނިމުމަކަށް އައުމުން އޭނާ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން ރެއާލުން ކަށަވަރުކޮށްދީފައިވާ އިރު، ބެންޒެމާއަށް ވަނީ ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ބޮޑު ހުށަހެޅުމެއް ހުށަހަޅައިފައެވެ. އަލް އިއްތިހާދުން ބެންޒެމާއަށް ހުށަހަޅާފައިވަނީ މުސާރައިގެ ގޮތުގައި ދެ އަހަރަށް 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު) ލިބޭ ހުށަހެޅެމުނެވެ.

ރެއާލުން ބެންޒެމާ ދިއުމުގެ ކުރިން އަލްވަދާއު ކިޔުމުގެ ގޮތުން މާދަމާ ހާއްސަ ހަފުލާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ހަފުލާގައި އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރެއާލާ 2009 ވަނަ އަހަރު ގުޅުނު ބެންޒެމާއަކީ އެ ކްލަބަށް ދެވަނައަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އެ މުއްދަތުގެ ތެރޭގައި ބެންޒެމާ ވަނީ ރެއާލާއެކު ހަތަރު ފަހަރު ސްޕެނިޝް ލަލީގާ އަދި ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑު ވެސް ކާމިޔާބުކޮށްފައެވެ.