ފުރާންސްގެ ހުނަރުވެރި ފޯވާޑު ކަރިމް ބެންޒެމާ ސްޕެއިންގެ ރިއަލް މެޑްރިޑު ދޫކޮށްލުމަށް ފަހު ސައުދީގެ އަލް އިއްތިހާދާއި ގުޅިއްޖެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަލް އިއްތިހާދާއި އެކު ހަދާ އެއްބަސްވުމުގެ މުހިންމު ބައިތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ބެންޒެމާ އެކުލަބާއި އެކު ހަދާ އެއްބަސްވުން 2025 ވަނަ އަހަރާއި ހަމައަށް އިންނަ އިރު، އެއްބަސްވުން އިތުރު ކުރުމުގެ އިހްތިޔާރުވެސް އޮންނާނެއެވެ.

ރިއަލް މެޑުރިޑުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ ކަރިމް ބެންޒެމާ އަލް އިއްތިހާދަށް ބަދަލުވުމަށް ނިންމާފައިވަނީ 200 މިލިއަން ޔޫރޯގެ އަގަކަށެވެ. މި އަގާއި އެކު ބެންޒެމާ ވެގެންދާނީ ސައުދީ ލީގުގައި ދެވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށެވެ. 213 މިލިއަން ޔޫރޯއާއި އެކު ރޮނާލްޑޯ ވަނީ ރެކޯޑު ހަދާފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން މާދަމާ ރިއަލް މެޑުރިޑަށް އަލްވަދާއު ކިޔުމުގެ ގޮތުން ބެންޒެމާ ނޫސްވެރިންނާއި ބައްދަލުކުރާނެއެވެ. އޭގެ ފަހުން ސައުދީގެ އަލް އިއްތިހާދާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ސައުދީއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. ބެންޒެމާގެ އިތުރުން އާޖެންޓީނާގެ ލިއޮނަލް މެސީ ހޯދުމަށް ސައުދީގެ އަލް ހިލާލުން ދަނީ މަސައްކަތް ކުރަމުންނެވެ.

2022 ވަނަ އަހަރުން ފެށިގެން ރިއަލް މެޑުރިޑުގެ ކެޕްޓަންގެ މަގާމުގައި ކުޅެމުން ގެންދިޔަ ކަރިމް ބެންޒެމާވަނީ ޖުމުލަ 439 މެޗު އެކުލަބަށް ކުޅެ ދީފައެވެ. އަދި ޖުމުލަ 353 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި ލަލީގާގައި ޖަހާދިން 166 ގޯލު، ޗެމްޕިއަންސް ލީގުގައި 54 ގޯލު، ކުލަބް ވޯލްޑް ކަޕުގައި 4 ގޯލު އަދި މީގެ އިތުރުން ކޮޕަރ ޑެލްރޭގައި ޖެހި ހަ ގޯލު ފާހަގަކުރެވެ.

2022 ވަނަ އަހަރު ބެލްންޑޯ ކާމިޔާބު ކުރި ކަރިމް ބެންޒެމާ ވަނީ ރިއަލް މެޑްރިޑާއިއެކު ޖުމުލަ 25 ތަށި ވަނީ ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގު ފަސް ފަހަރު، ލަލީގާ ހަތަރު ފަހަރު އަދި ކޮޕަރ ޑެލްރޭ 3 ފަހަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން ރިއަލް މެޑުރިޑަށް އެންމް ގިނަ ގޯލު ދެވަނައަށް ޖަހާދިން ކުޅުންތެރިޔާ އަކީވެސް ކަރިމް ބެންޒެމާއެވެ. އެއްވަނައިގައި 450 ގޯލާއި އެކު އިނީ ކިރިސްޓިއާނޯ ރޮނާލްޑޯއެވެ.

ބެންޒެމާ ރިއަލް މެޑުރިޑުގައި ހޭދަ ކުރި 14 އަހަރު ފާހަގަކޮށް އެކުލަބުގެ ކޯޗުވަނީ ބެންޒެމާއަށް ޝުކުރު އަދާކޮށްފައެވެ. ކާލޯ އެންޗެލޯޓީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސީޒަނަށް އަލްވަދާއު ކިޔާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެކުލަބުގެ އެންމެ މޮޅު އެއް ލެޖެންޑަށް އަލްވަދާއު ކިޔުން ކަމުގައެވެ. އަދި މުސްތަގުބަލުގައި ރަނގަޅު ކާމިޔާބީއަށް އެދޭ ކަމުގައެވެ.