ސުޕެއިންގެ ރިއަލް މެޑްރިޑަށް ކުޅެމުން އަންނަ ފުރާންސްގެ ތަރި ކަރިމް ބެންޒެމާ އެ ކުލަބުން ދޫކޮށްލަން ނިންމައިފިއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން ރިއަލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އެއް އަހަރު އޮއްވާ އެކުލަބު ދޫކޮށްލަން ބޭނުންވާ ކަމުގައި ބެންޒެމާ ވަނީ ކުލަބުގެ ރައީސްއަށް އަންގާފައެވެ.

ރެއާލް މެޑްރިޑުގެ ކެޕްޓަންގެ މަގާމުގައި މިހާރު ހުރި ކަރިމް ބެންޒެމާ ގަތުމަށް ސައުދީގެ އަލް އިއްތިހާދުން ވަނީ ބިޑު ހުށައަޅާފައެވެ. އަގެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ ވަނީ ހުށައަޅާފައެވެ.

ރެއަލް މެޑްރިޑަށް 324 ގޯލު ޖަހައި ބެންޒެމާ ވަނީ އެޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ކުރިން މި ރެކޯޑު އޮތީ ރައުލް ގޮންޒާލޭޒް އަތުގައެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ބެންޒެމާވަނީ ހޯދައިފައެވެ.

ބެންޒެމާއަކީ ހަތަރު ވަނައަށް ރެއަލް މެޑްރިޑަށް އެންމެ އަވަސް ހެޓްރިކް ހެދި ކުޅުންތެރިޔާއެވެ. ރެއަލް ވައްލަޑޮލިޑް 0-6 ގެ ނަތީޖާއަކުން ބަލި ކުރި މެޗުގައި ބެންޒެމާ ވަނީ 6 މިނެޓާއި 30 ސިކުންތުން ހެޓްރިކް ހަދައިފައެވެ.

މިދިޔަ އަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ބެންޒެމާއަކީ މިހާރު ރެއަލް މެޑްރިޑުގައި ހުރި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާއެވެ. ބެންޒެމާ ރެއަލް މެޑްރިޑާ ގުޅިފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ބެންޒެމާ ވަނީ 400އަށް ވުރެ ގިނަ މެޗު ރިއަލް މެޑްރިޑަށް ކުޅެދީފައެވެ. މީގެ އިތުރުން ފުރާންސްގެ ގައުމީ ޓީމަށް ކުޅެދިން 97 މެޗުން 37 ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.