ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ 33 އަހަރުގެ ޑިފެންޑަރު ހޯސޭ އިގްނާސިއޯ ފަރްނާންޑޭޒް އިގްލެސިއާސް (ނާޗޯ)ގެ އެއްބަސްވުން އާކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނާޗޯގެ އެއްބަސްވުން އާކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށެވެ.

އުމުރުން 11 އަހަރުގައި ރިއަލް މެޑުރިޑުގެ އެކަޑަމީއިން ފުޓުބޯޅައިގެ ހަޔާތް ފެށި ނާޗޯ ވަނީ ރެއާލް މެޑުރިޑުގެ ސީނިއަރ ޓީމަށް ޖުމުލަ 318 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން 105 މެޗު ސީނިއަރ ބީ ޓީމަށް ކުޅެދިން އިރު 213 މެޗު ސީނިއަރ އޭ ޓީމަށް ވަނީ ކުޅެދީފައެވެ. އަދި މި 213 މެޗުގައި 12 ގޯލުވެސް ނާޗޯ ވަނީ ކާމިޔާބުކޮށްދީފައެވެ.

2019-20 ވަނަ އަހަރުގެ ސީޒަނުގެ ބޮޑު ބައެއް އަނިޔާގެ ސަބަބުން ނުކުޅެވުނު އިރު، އެސީޒަނުގައި ނާޗޯ ކުޅެފައި ވަނީ ހަ މެޗުގައެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ރެއާލް މެޑުރިޑުން ވަނީ ނާޗޯ އާއިއެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރާއި ހަމައަށް އާކޮށްފައެވެ.

މިހާރު ރެއާލް މެޑުރިޑުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ނާޗޯ ވަނީ އެކުލަބާއި އެކު ގިނަ ކާމިޔާބީ ތަކެއްވެސް ހޯދާފައެވެ. އެގޮތުން ސެޕެނިޝް ލަލީގާ ތިން އަހަރު، ކޮޕަރ ޑެލްރޭ ދެ ފަހަރު އަދި ޔުއެފްއާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން ޔުއެފްއާ ސުޕަރ ކަޕް ދެ ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ފަސް ފަހަރު ވަނީ ހޯދާފައެވެ.

ސްޕެއިންގެ ގައުމީ ޓީމުގައިވެސް ކުޅެމުން އަންނަ ނާޗޯ ވަނީ 16 އަހަރުން ދަށް، 17 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެދީފައެވެ. އެންމެ ފުރަތަމަ ސީނިއަރ ގައުމީ ޓީމުން ޖާގަ ލިބިފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައިވެސް ނާޗޯ ވަނީ ކުޅެފައެވެ. ނާޗޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ހަމަ އެކަނި ގޯލު ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ވޯލްޑު ކަޕުގެ ގުރޫޕު ސްޓޭޖުގައި ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ކިޔުންތެރިންގެ ހިޔާލު