ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ކަރިމް ބެންޒެމާ ދާދި ފަހުން ރެއާލް މެޑްރިޑް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވުމުގެ މައިގަނޑު އެއް ސަބަބަކީ އޭނާގެ ދީން ކަމުގައި މީޑިއާތައް ރިޕޯޓްކޮށްފިއެވެ.

ބެންޒެމާ ބުނީ ސައުދީއަށް ބަދަލުވާން އިޚްތިޔާރު ކުރީ ހަމައެކަނި ލިބޭ މުސާރައާއި ދޭތެރޭ ވިސްނާފައި ނޫން ކަމަށެވެ. އިސްލާމީ ޤައުމަކަށް ވުމާއިއެކީގައި މައްކާއާއި ކައިރީގައި ހުންނަން ލިބުމުން އެއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސައުދީ ކްލަބަކަށް ބަދަލުވުމުގެ ފަހަތުގައި އޮތް އެއް ސަބަބަކީ އެއީ ކަމުގައި ބެންޒެމާ ބުނެފައިވެއެވެ.

ފްރާންސްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ބެންޒެމާ ބުނީ އޭނާއަކީ މުސްލިމަކަށްވީތީ ސައުދީ ފަދަ ޤައުމެއްގައި ހުންނަން އަބަދުވެސް ބޭނުންވީ ކަމަށެވެ.

އަލްއިއްތިހާދަކީ އޭނާއަށް އައު 'ޗެލެންޖެއް'ގެ ގޮތުގައި ބެންޒެމާ ސިފަކޮށްފައިވެއެވެ. " ސައުދީ ލީގަކީ ރަނގަޅު ލީގެއް އަދި ރަނގަޅު ކުޅުންތެރިންވެސް ހިމެނޭ. ކްރިސްޓިއާނޯ ރޮނާލްޑޯވެސް މިތާނގައި އެބަ އުޅޭ. ރޮނާލްޑޯ ދައްކުވައިދެނީ ސައުދީ ލީގަށް އައު އިންގިލާބެއް އައިސް އެ ތަނަށް އަންނަ ކުރިއެރުން" ބެންޒެމާ ބުނެފައިވެއެވެ.

ބެންޒެމާ ބުނީ ކްރިސްޓިއާނޯ ދައްކުވައިދެނީ ސައުދީ އަރަބިއްޔާއަކީ (ފުޓްބޯޅައިގައި) ކުރިއަރަމުން ދާ ތަނެއް ކަމަށާއި އޭނާގެ އަމާޒަކީ ޔޫރަޕްގައި މޮޅު ހޯދި ގޮތަށް ސައުދީ ލީގުންވެސް މޮޅު ހޯދުމަށް ކަމުގައި ބެންޒެމާ ބުނެފައިވެއެވެ. ބެންޒެމާ ދަނީ ސައުދީ ލީގް ބައިނަލްއަޤްވާމީ ފެންވަރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރަމުންނެވެ.

ބެންޒެމާއެކޭ އެއްގޮތަށް ސައުދީ ކްލަބް އަލް-ނަސްރަށް ކުޅެމުންދާ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ބުނީ ސައުދީ ލީގަކީ ދުނިޔޭގެ އެންމެ ގަދަ 5 ލީގުގެ ތެރޭގައި ހިމެނުމުގެ ކުޅަދާނަކަން ހުރި ލީގެއް ކަމަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަލް އިއްތިހާދާއި އެކު ހަދާ އެއްބަސްވުމުގެ މުހިންމު ބައިތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ބެންޒެމާ އެ ކުލަބާއި އެކު ހަދާ އެއްބަސްވުން 2025 ވަނަ އަހަރާއި ހަމައަށް ދިގުދެމިގެންދާ އިރު، އެއްބަސްވުން އިތުރު ކުރުމުގެ އިހްތިޔާރުވެސް އޮންނާނެއެވެ.

ރެއާލް މެޑުރިޑުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ ކަރިމް ބެންޒެމާ އަލް އިއްތިހާދަށް ބަދަލުވުމަށް ނިންމާފައިވަނީ 200 މިލިއަން ޔޫރޯގެ އަގަކަށެވެ. މި އަގާއި އެކު ބެންޒެމާ ވެގެންދާނީ ސައުދީ ލީގުގައި ދެވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށެވެ. 213 މިލިއަން ޔޫރޯއާއި އެކު ރޮނާލްޑޯ ވަނީ ރެކޯޑު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮނާލޑޯ އައްޕާ

    ތިކަމާ މުޅިން ދެކޮޅު..
    މިހާ ދުވަސް ވީއިރު ކީއްވެބާ މެޑްރިޑްގަ މަޑުކުރީ. ކެރިއަރގެ ފަހުކޮޅު ގިނައިން ފައިސާ ލިބޭ ކޮޅަކަށް ތި ދިޔައީ.. މުސްލިމް ޤައުމެއް ( އަލްޖީރިއާ) ރެޕްރެޒެންޓް ކުރަން ލިބިފައި އޮއްވާ ފްރާންސައް ކުޅެންނިންމީ ފުރާންސާއި އެކު ކާމިޔާބު ހޯދަން ފަސޭހަވާނެތީ ނޫންތޯ
    ޤަބޫލްކުރަން ދުނިޔެމަތީގައި އެއްމެ މާތް ބިމުގަ އުޅެން ލިބުމަކީ ނަސީބެއް ކަން. ބެންޒެމާއަކީ އަބަދުވެސް ލޯބިވާ ކުޅުންތެރިއެއް މިހެން ބުނިކަމުގަ ވިޔަސް..

    ބާސާ ފޭނެއް