އިއްޔެ އިންޑިޔާގެ ބެންގަލޫރުގައި ފެށި ސާފް ޗެމްޕިއަންޝިޕް ގުރޫޕް ބީގެ ފުރަތަމަ މެޗު ލުބުނާނުން ކާމިޔާބުކޮށްފިއެވެ.

ލުބުނާނުން މިމެޗު ކާމިޔާބުކޮށްފައި ވަނީ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެ 0-2ގެ ނަތީޖާއަކުންނެވެ.

ސަރަހައްދުން ބޭރުން މުބާރާތުގައި ވާދަކުރާ ދެޓީމުގެ ތެރެއިން އެއްޓީމަކީ ލުބުނާނެވެ. މިއަދު މެޗުގައި ލުބުނާންގެ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ބަންގްލަދޭޝްއިންވެސް ވަނީ ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ.

ބަންގްލަދޭޝް އަދި ލުބަނާން ބައްދަލު ކުރި މެޗުގެ ތެރެއިން. ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދެވަނަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓުރޯލު ކޮށްގެން ލުބުނާނުން ކުޅެމުން ގެނދިޔައިރު، ބަންގްލަދޭޝްގެ ޑިފެންސް އޮތީ ވަރަށް ބޮޑަށް ހާލިވެފައެވެ. އޭގެ ފައިދާ ނަގާ ލުބުނާނުން ވަނީ ދެވަނަ ހާފުގައި ދެ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ހާފު ތެރޭން ހެދުނު ގޯހެއްގެ ބޭނުން ހިފާ މި ލަނޑު ކާމިޔާބުކޮށް ދިނީ ލުބުނާންގެ ކެޕްޓަން ހަސަން މާޓޮއުކްއެވެ.

ބަންގްލަދޭޝް އަދި ލުބަނާން ބައްދަލު ކުރި މެޗުގެ ތެރެއިން. ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ލުބުނާނުން ގޯލު ޖެހުމާއި އެކު ބަންގްލަދޭޝް ޓީމު ވަރަށް ބޮޑަށް ޕުރެޝަރަށް ދިޔަ އިރު، ގިނަ ފައުލު ތަކެއްވެސް ފެނިގެން ދިޔައެވެ. ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ބަންގްލަދޭޝްއަށް އުފެއްދިފައި ނުވާއިރު، ލުބުނާނުން ވަނީ ބޯޅަ ކޮންޓްރޯލް ގެއްލުވާ ނުލާ ކުޅެފައެވެ. ލުބުނާނުން ޖެހި ދެވަނަ ގޯލު ފެނިގެން ދިޔައީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ހަ މިނެޓުގެ ތެރޭގައެވެ.

ލުބުނާންގެ ހާފު ތެރޭން އެޓީމުގެ ޑިފެންޑަރު ކުރިއަށް ފޮނުވާލި ބޯޅަ ވަރަށް ހަމަޖެހިލާ ހުރެ ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ހާލިލް ބަދަރްއަށް ހުރަސްކޮށްދިނެވެ. އެއާއި އެކު އެއްވެސް ޑިފެންޑަރެއްގެ އުނދަގުލާއި ނުލާ އޭނާ ވަނީ ގޯލު ތިރީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. މި ގޯލު ޖަހަން މަސައްކަތް ކުރި ވަގުތު ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެން ދިޔައިރު، ޑިފެންސް ކުރުމުގައި ވަރަށްވެސް ފަރުވާ ކުޑައެވެ.

މި ގުރޫޕުގެ ދެވަނަ މެޗުގައި މިރޭ ދިވެހި ރާއްޖެއިން ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 19:00ގައެވެ.