ފޯރިގަދަ ފައިނަލް މެޗަށްފަހު ބަންގްލަދޭޝް ބަލިކޮށް ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބޫޓާން އިން ހޯދައިފިއެވެ.

ވާދަވެރި ކުޅުމެށް ފެނިގެން ދިޔަ ފައިނަލް މެޗު ބޫޓާންއިން ކާމިޔާބުކޮށްފައި ވަނީ 62-60 ގެ ނަތީޖާއަކުންނެވެ.

ބަންގްލަދޭޝް އިން ވަރުގަދަކޮށް މެޗު ފަށައި، ފުރަތަމަ ކުއާޓާ ނިންމާލީ 15-13 އިން ކުރީގައި އޮވެގެނެވެ. ނަމަވެސް ބޫޓާން އިން ވަނީ ދެވަނަ ކުއާޓާގައި ކުޅުން ރަނގަޅުކޮށް، ބޮޑު ލީޑެއް ނަގާފައެވެ. މި ކުއާޓާ ނިމުނު އިރު ބޫޓާން ކުރީގައި އޮތީ 31-21 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައިވެސް ބޫޓާން އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ކުއާޓާގައި އެ ޓީމުން ވަނީ 17 ޕޮއިންޓަށް ފަރަގު އިތުރުކޮށްފައެވެ. ބަންގްލަދޭޝް އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މެޗުގެ ފަހު ކުއާޓާގައެވެ. އެގޮތުން، އެ ޓީމުން ވަނީ 24 ޕޮއިންޓު ސްކޯކޮށްފައެވެ. ބޫޓާން އަށް ސްކޯކުރެވުނީ 9 ޕޮއިންޓެވެ.

މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބަންގްލަދޭޝްގެ ޖާޒީ ނަންބަރު 12، މިތުން ކުމާރެވެ. އޭނާ ވަނީ ފައިނަލް މެޗުގައިވެސް 22 ޕޮއިންޓު ސްކޯކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް މާ އެދެވޭ ކުޅުމެށް ދެއްކިފައި ނުވާއިރު، ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ރާއްޖޭގެ ގައުމީ ޓީމު އިތުރަށް ރަނގަޅު ކުރުމަށް ޕާކިސްތާން އަދި ނޭޕާލްއާއެކު އެކުވެރިކަމުގެ މެޗު ތަކެއް ކުޅުމަށް ދަނީ ތައްޔާރު ވަމުންނެވެ.