މިދިޔަ ހަފްތާގައި ބާސްކެޓްބޯޅަ ވޯލްޑް ކަޕްގައި ދެކުނު ސޫދާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެކުނު ސޫދާނުގެ ކުޅުންތެރިއެއްގެ އުޅަނބޮށިން ޖެހި ލިބުނު އަނިޔާއަކާ ގުޅިގެން ސާބިއާގެ ބޮރިސާ ސިމަނިޗްގެ ކިޑްނީ ނެގުމަށް އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ސާބިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން ދެކުނު ސޫދާނުގެ ނޫނީ އޮމޯޓް ވަނީ ސިމަނިޗްގެ ކިބައިން މަޢާފަށް އެދިފައެވެ.

"އޮގަސްޓް 30 އާއި 31 ވަނަ ދުވަހާ ދެމެދުގެ ރޭ ގެ ވަގުތެއްގައި ސިމަނިޗް ފުރަތަމަ އޮޕަރޭޝަނެއް ކުރުމަށް ފަހު، އޭގެފަހުން، މޮނީޓަރކޮށް ބެލި ބެލުމަށްފަހު ކޮމްޕްލިކޭޝަންތަކެއް ކުރިމަތިވުމާއެކު އިތުރު އޮޕަރޭޝަނެއް (ސެޕްޓެންބަރު 3 ގައި) ކުރަން ޖެހޭ ކަމަށް ނިންމީ،" ފެޑެރޭޝަނުން ނެރެފައިވާ ބަޔާނުގައިވެއެވެ.

ސިމަނިޗް ހުރީ ފިލިޕީންސްގެ ވެރިރަށް މެނިލާގެ ހޮސްޕިޓަލެއްގައެވެ. އެއީ، މި ފަހަރުގެ ފީބާ ވޯލްޑް ކަޕްގެ 19 ވަނަ މުބާރާތް ކުރިއަށްދަނީ ފިލިޕީންސް، ޖަޕާން، އަދި އިންޑޮނޭޝިއާ ގައި ކަމަށްވާތީ އެވެ.

ދެކުނު ސޫދާނުގެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި އޮމޮޓް ވަނީ ސިމަނިޗް ވީހާވެސް އަވަހަށް އެނބުރި ކުޅުމަށް އައުމަށް އެދޭ ކަމަށް ބުނެފައެވެ.

"ކުޅިވަރު ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް ވަރަށް ރަނގަޅަށް އޭނާ އަށް ކުރިމަތިވީ އަނިޔާގެ ހާލަތުގެ ސީރިއަސްކަން ވިސްނޭ، މިކަން މިހެން ދިމާވުމުން ވަރަށް ބޮޑަށް ހިތާމަކުރަން،"

"އެއްވެސް ކުޅުންތެރިއަކު އެކަން ތަހައްމަލު ކުރަން ޖެހިގެން ނުވާނެ." އޮމޯޓްގެ މެސެޖުގައިވެއެވެ.