އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ފައިވް އޮން ފައިވް ބާސްކެޓްބޯޅަ އަންހެން ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ރާއްޖޭގެ ފައިވް އޮން ފައިވް ބާސްކެޓްބޯޅަ އަންހެން ޓީމު ސެމީ އަށް ދަތުރުކުރީ ގްރޫޕް ބީ ގައި މިއަދު ކުޅުނު މެޗުން ބޮޑު ތަފާތަކުން ސީޝެލްސް ބަލިކޮށްގެންނެވެ.

މި އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހޮނިހިރު ދުވަހު ރީޔޫނިއަން އަތުން 85-32 އިން ބަލިވިނަމަވެސް، އަންހެން ޓީމުން ސެމީ އަށް ދަތުރުކުރީ ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

ގްރޫޕް ބީ ގައި ސީޝެލްސްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖޭގެ އަންހެން ޓީމު މޮޅުވީ 27-82 އިންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު 17-7 އިން އަންހެން ޓީމު ކުރީގަ އޮތްއިރު، ދެވަނަ ކުއާޓާ ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 40-14 އިންނެވެ. އަދި ތިންވަނަ ކުއާޓާ ނިންމާލިއިރު 66-22 އިން ކުރީގަ އޮތްއިރު ފަހު ކުއާޓާ ނިންމާލީ 82-27 އިންނެވެ.

މި މެޗުގައި ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ އައިޝަތު އިނާޝާ އެވެ. އިނާޝާ ވަނީ 25 ޕޮއިންޓާއެކު 5 ރީބައުންޑް ނަގައި، 2 އެސިސްޓާއި ހަތަރު ސްޓީލް ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އާމިނަތު ޝިއުރާ 11 ޕޮއިންޓް އެއްކުރިއިރު، އާމިނަތު އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) 22 ޕޮއިންޓާއެކު 8 ރީބައުންޑް ނެގިއިރު، ނުވަ ސްޓީލް އާއި ހަތަރު އެސިސްޓް ހެދިއެވެ.