ބަޔާން މިއުނިކަށް ކުޅެމުންގެންދާ ލޫކަސް ހާނަންޑޭޒް ގެންނަން ފްރާންސް ލީގްގެ ކްލަބް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން މަޝްވަރާކުރަން ފަށައިފިއެވެ.

އެގޮތުން މިހާރު ޕީއެސްޖީން ވަނީ ހާނަންޑޭޒް ބޭނުންވާ ޝަރުތުތަކާއި ބެހޭގޮތުން ވާހަކަދައްކާ އެކަންކަމަށް އެއްބަސްވެފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ދެކުނު ކޮރެއާގެ ފުޓްބޯޅަ ތަރި ކިމް މިން ޖޭ ބަޔާނަށް ގެނެވުމުގެ މަޝްވަރާތައް ކުރުމަށްފަހު ބަޔާނުން ހާނަންޑޭޒް ދޫކޮށްލުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ކުރީގައި ޖަރުމަންގެ ކްލަބް ބަޔާން މިއުނިކްއިން އޭނާ ދޫކުރާކަށް އެއްބަސްވެފައެއް ނުވެއެވެ.

ފްރާންސްއަށް ނިސްބަތްވާ ހާނަންޑޭޒް ބަޔާންގެ ސްކޮޑްގައި މަސައްކަތް ކުރީ މިޑްފިލްޑަރެއްގެ ގޮތުގައެވެ.

ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހާނަންޑޭޒްއަށް ކުޅެން ލިބުނީ 13 މިނެޓްގެ ވަގުތުކޮޅެކެވެ. އެހެން ނަމަވެސް، ވޯލްޑް ކަޕްގައި އަނިޔާ ލިބުމަށްފަހުގައިވެސް، ބަޔާންއިން އެ ކްލަބްގައި މޮޅު ކުޅުމެއް ދެއްކި ހާނަންޑޭޒް ދޫކުރަން ފަސްޖެހުނެވެ. އޭނާގެ ރިލީޒަށް ބަޔާންއިން 43 މިލިއަން ޕައުންޑްގެ އަގަކަށް ޑިމާންޑް ކުރާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ހާނަންޑޭޒް އެތުލެޓިކޯ މެޑްރިޑާއި ގުޅުނީ 68 މިލިއަން ޕައުންޑަށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ހާނަންޑޭޒް ވަނީ މިދިޔަ ސީޒަނުގައި އޭނާގެ ކްލަބަށް 11 މެޗު ކުޅެދީފައިއެވެ. އެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ.

މި ސީޒަނުގައި އެންމެ ހަތް މެޗު ކުޅުނު ނަމަވެސް، ހާނަންޑޭޒް ވަނީ ޖަރުމަނުގެ ޗެމްޕިއަންސް ޓީމަށް 107 ފަހަރު ކުޅެ، ޓީމުގެ އެންމެ އަގުހުރި އެއް މެންބަރުގެ ގޮތުގައި ތަމްސީލުކޮށް، ބަޔާންއާއެކު ހަތަރު ބުންޑެސްލީގާ ތަށި އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިއެވެ. މިވަގުތު ހާނަންޑޭޒް ބަޔާންއާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ.
ލެފްޓް ބެކްގެ ގޮތުގައި ވެސް ކުޅެވޭ ހާނަންޑޭޒް ހޫނު މޫސުމުގައި ޕީއެސްޖީއާ ގުޅިއްޖެ ނަމަ ޕީއެސްޖީގެ ބެކްލައިނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމުގައި ތަޖުރިބާކާރުން ލަފާ ކުރެއެވެ.