އަހަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ހާލު ސީރިއަސްވި، ޕީއެސްޖީގެ ކީޕަރު ސާޖިއޯ ރިކޯގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އަނބިމީހާ އަލްބާ ސިލްވާ ބުނެފިއެވެ.

މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އަހަކުން ވެއްޓި ހިނގި ހާދިސާއެއްގައި ބޮލަށް އަނިޔާވި ސާޖިއޯ ރިކޯ ކޯމާއެއްގައި އޮތުމަށް ފަހު ހޭ އަރާފައި ވަނީ މި މަހުގެ ތެރޭގައެވެ. ހޭ އެރި ނަމަވެސް އޭނާ އަށް ހަރަކާތް ކުރެވެނީ ކިރިޔަ ކިރިޔާއެވެ. އަދި އޭނާ އަށް ވާހަކަ ދެއްކުނީ ވެސް އިހަކަށް ދުވަހުއެވެ.

އުމުރުން 29 އަހަރުގެ ކީޕަރު ކޯމާ އިން ސަލާމަތްވި ނަމަވެސް، އޭނާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ ސްޕެއިންގެ ސެވިލްގައި ހުރި ހޮސްޕިޓަލެއްގައި ހުރި އައިސީޔޫގައެވެ.

އަލްބާ ސިލްވާ ބުނީ ސާޖިއޯ ރިކޯ ވާހަކަ ދައްކާ އިރު، ވަރަށް ގިނަ ހަނދާންތައް އެބަހުރި ކަމަށެވެ. އެކަމަކު، އެކްސިޑެންޓު ހިނގިކަން ސާޖިއޯ ރިކޯ އަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އޭނާ ދަނީ މަޑުމަޑުން ރަނގަޅުވަމުން، ސާޖިއޯ މިހާރު ވާހަކަ ވެސް ދައްކާ، އަހަރުމެންނަށް ގޮވަނީ ވެސް ނަމުން. ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހަނދާނުގައި ހުރޭ." އަނބިމީހާ ބުންޏެވެ.

އަލްބާ ސިލްވާ ބުނީ ވަރަށް އަވަހަށް ފިރިމީހާ ވޯޑަށް ބަދަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެކަން ކުރަން ވާނީ ޔަގީން ކަމެއް އޮވެގެން ކަމަށާއި އެކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ބުންޏެވެ.

"އަހަރެން އުންމީދު ކުރަނީ ވަރަށް އަވަހަށް ވޯޑަށް ބަދަލު ކުރާނެ ކަމަށް. އެކަމަކު، އެމީހުން ކުރާނީ އެކަން ޔަގީންކޮށްފައި. އެކަމާ މެދު އަދި ގޮތެއް ނުނިންމާ. އެމީހުން އެކަން ނިންމާ އިރު، އެމީހުންނާ ދޭތެރޭގައި އިތުބާރު އެބައޮތް،" އަލްބާ ސިލްވާ ބުންޏެވެ.

ސާޖިއޯ ރިކޯ ކޯމާގައި އޮތް އިރު، އަނބިމީހާ ވަނީ އިންސްޓަގްރާމްގައި އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައިފައެވެ.

"އަހަރެންގެ ލޯބިވެރިޔާ، އަހަރެން އެކަނި ދޫކޮށްލާފައި ނުދޭ. އަހަރެންނަކަށް ނޭނގޭނެ ކަލާއާ ނުލައި ދިރިއުޅޭނެ ގޮތެއް ވެސް. އަހަރެން ވަރަށް ލޯބިވޭ،" އަލްބާ ސިލްވާ ބުނެފައިވެއެވެ.

ޕީއެސްޖީ ކީޕަރުގެ އަނބިމީހާގެ އަސަރުގަދަ މެސެޖެއް!

މި ދެމަފިރިން މިދިޔަ އަހަރު ކައިވެނިކޮށްފައިވާ އިރު، ފިރިހެން ދަރިފުޅެއް ވެސް ލިބިފައިވެއެވެ. އަލްބާ ސިލްވާއަކީ ޕްރޮފެޝަނަލް މޮޑެލްއެކެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 129,000 އަށް އަރައެވެ.

މި ސީޒަންގައި ޕީއެސްޖީގެ ކީޕަރު އެ ޓީމަށް އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ. މިދިޔަ ސީޒަންގެ މެދާ ހިސާބުން އެ ކީޕަރު ވަނީ ލޯނެއްގެ ދަށުން ރެއާލް މަލޯކާ އަށް ބަދަލުވެފައެވެ.

ސެވިއްޔާގައި ހުރިއިރު، ރިކޯ ވަނީ ދެ ފަހަރު ޔޫއެފާ ޔޫރަޕާ ލީގު ކާމިޔާބުކޮށްފައެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރެވެ. ޕީއެސްޖީ އަށް 2020 ވަނަ އަހަރު ބަދަލުވި ފަހުން ރިކޯ ވަނީ 14 މެޗު ކުޅެފައެވެ. ޕީއެސްޖީއާ އެކުގައި ފްރާންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.