އިންޑިއާގައި ކުރިއަށް ދާ ސާފް ބަންގު ބަންދު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗް ޕާކިސްތާން ބަލިކޮށް ނޭޕަލް އިން ކާމިޔާބުކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ޕާކިސްތާނު ބައްދަލު ކުރި މެޗް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި މެޗު ނޭޕާލް އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ނޭޕާލް އޮތީ ޖުމުލަ ތިން ޕޮއިންޓާއެކު ގުރޫޕް އޭގެ ތާވަލުގެ ތިން ވަނައިގައެވެ. ޕާކިސްތާނަށް އަދި މިހާތަނަށް މި މުބާރާތުގައި މެޗަކުން މޮޅު ނުވެވުމާއެކު އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. މި މެޗަށް މި ދެ ޓީމު ނިކުތްއިރުވެސް އެ ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ބެންގަލޫރު ސްރީ ކަންޓީރަވާ ސްޓޭޑއިަމްގައި ކުޅުނު މި މެޗު ފަށައިގެން ނޭޕާލް އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި ނޭޕާލްގެ ބިމަލް ލީޑު ނެގުމަށް 41 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ގިނަ ޕާސްތަކެއް ޖަހާ ނޭޕާލުން ކުޅެމުން ދިޔައިރު ފުރަތަމަ ހާފުގައި ޕާކިސްތާނު އޮތީ ޕްރެޝަރަށް ވެއްޓިފައެވެ.

ދެވަނަ ހާފުގައި ނޭޕާލްގެ މަނީޝް އޭރިއާތެރެއަށްވަދެ, ޖެހި ބޯޅަ ޕާކިސްތާނުގެ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފައެވެ. މި މެޗުގައި ނޭޕާލަށް ގޯލު ކާމިޔާބުކޮށްދިނީ އޭރިއާ ބޭރުން އެއް ފަހަރަން ފޮނުވާލި ހަމަލާއިން އާޝިޝް ޗޯދަރީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މި ގޯލަށްފަހު ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް ކައުންޓާ އެޓޭކް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ޕާކިސްތާނު ބައްދަލު ކުރި މެޗް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި ގުރޫޕުން ސެމީގެ ފުރުސަތު ހޯދީ ކުޅުނު ދެ މެޗުން މޮޅު ވެގެން އިންޑިއާ އާއި ކުވައިތުއެވެ.