އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ކުވައިތު ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެއެވެ.

މުބާރާތުގައި އަލަށް ވާދަކުރި ކުވައިތާއި މުބާރާތް އެންމެ ގިނަ ފަހަރު ހޯދި އިންޑިއާ ބައްދަލު ކުރި ފޯރި ގަދަ މެޗު އެއްވަރު ވެފައި ވަނީ 1-1ގެ ނަތީޖާއަކުންނެވެ.

ގުރޫޕު އޭގެ އެއްވަނަ ޓީމު ކަށަވަރު ވެގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މި މެޗާއި ދެ ޓީމުން ކުރިމަތި ލި އިރު، އިންޑިއާ އިން ވަނީ ހޯމް އެޑްވާންޓޭޖު ވަރަށް ބޮޑަށް ނަގާފައެވެ. ދެޓީމުގެ ފަރާތުންވެސް ގޯލު ޖެހުމަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގިނަ ހަމަލާތަކުގެ ބޭނުމެއް ނުކުރެވުނެވެ.

އިންޑިއާ އާއި ކުވެއިތް ބައްދަލު ކުރި މެޗު-- ފޮޓޯ: ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މިހާރު މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވާ ސުނިލް ޗެތްރީގެ ރީތި ގޯލަކުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާ އިން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޗެތްރީ ކާމިޔާބު ކުރި ގޯލާއި އެކު މުޅި ސާފުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާ ވަނީ ހަމަހަމަވެފައެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުންވެސް ވާާދަވެރި ކަން ފެނިގެން ދިޔައިރު ގިނަ ފައުލު ތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ވާދަވެރިކަން ހޫނުވެ މެޗުގައި ވަނީ ހަމަނުޖެހުމެއްވެސް ހިނގާފައެވެ. މި ހަމަނުޖެހުން ހިނގަން ދިމާވީ އިންޑިޔާގެ ކޯޗު، ކުވައިތަށް ލިބުނު އެއްލުމަށް ހުރަސްއެޅުމުންނެވެ.

ދެ މެޗުގެ ސަސްޕެންޝަންއަކަށް ފަހު މި މެޗާއި ކުރިމަތިލި އިންޑިޔާގެ ކޯޗުގެ ފަރާތުން މެޗުގެ 80 ވަނަ މިނެޓުގައި ކުވައިތު ކުޅުންތެރިންގެ އެއްލުމަށް ހުރަސް އެޅުމާއި ގުޅިގެން ވަނީ ރަތް ކާޑު ދައްކާފައެވެ. ކޯޗު ދަނޑުން ފޮނުވާލި ފަހުން މެޗުގެ 89 ވަނަ މިނެޓުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އިންޑިޔާ ޓީމުގެ ރަހިމް އަލީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އަދި ކުވައިތުގެ ހަމަދްއަށްވެސް ވަނީ މި ހަމަނުޖެހުމާއި ގުޅިގެން ރަތް ކާޑު ދައްކާފައެވެ.

މެޗުގެ އޮއެވަރު މި ހަމަނުޖެހުމާއި އެކު ބަދަލުވެގެން ދިޔަ އިރު، މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތު ގޮތުގައި ދެއްކި ވަގުތުގައި އިންޑިޔާގެ އަންވަރް އަލީ އަތުން ބައިކޮޅަށް ވަތް ގޯލާއި އެކު ނަތީޖާ ވަނީ ހަމަ ހަމަވެފައެވެ. މިހާރު ޕޮއިންޓް ތާވަލު އޮތް ގޮތުން ކުވައިތު ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. އެހެންކަމުން ކުވައިތު ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ގުރޫޕު ބީގެ އެއްވަނަ ޓީމާއެވެ.