ސާފް ޗެމްޕިއަންޝިޕް އަކީ މި ސަރަހައްދުގައި ބޭއްވޭ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. ސައުތު އޭޝިއާގެ ގައުމު ތަކުން ބައިވެރިވަމުންދާ މި މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް މި އަހަރުގެ މުބާރާތުގައި ވަނީ ސަރަހައްދުން ބޭރުން ދެ ގައުމަކަށް ފުރުސަތު ދީފައެވެ. އެއީ ލުބަނާން އާއި ކުވައިތުއެވެ.

ރާއްޖެއަކީވެސް މި ޝަރަފުވެރި މުބާރާތުގައި ކާމިޔާބު ގައުމެކެވެ. ސަރައްދީ ބޮޑު ބާރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރަމުން އައިސްފައިވާ ގައުމެކެވެ. އިންޑިޔާގެ ފަހަތުން މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ގައުމަކީވެސް ދިވެހިރާއްޖެއެވެ. އެކަމަކު އެއީ މާޒީއެވެ. މާޒީ އަލުން ތަކުރާރު ކުރެވިދާނެ ބާއެވެ.

ގައުމީ ޓީމު މިހާރު އޮތީ މުބާރާތް ކާމިޔާބު ކުރެވޭ ހާލަތުގައިތަ؟

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމުތަކުން ތައްޔާރުވަމުން އައީ ތަފާތު ގޮތް ގޮތަށެވެ. ބައެއް ގައުމު ތަކުން ވާދަވެރި މުބާރާތްތައް ކުޅުނު އިރު، އަނެއްބައި ގައުމު ތަކުން ވާދަވެރި މެޗުތަށް ކުޅުނެވެ. އެކަމަކު ރާއްޖެއަށް މި ދެކަމުން އެއްކަމެއްވެސް ނުކުރެވުނެވެ. މިއީ މިފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާން ޖެހޭ މިންވަރަށް ތައްޔާރު ނުވެވުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ގައުމީ ޓީމުގެ ރަން އަހަރު ތަކުގައި ކުޅުނު އެއްވެސް ކުޅުންތެރިއެއް މިހާރު ގައުމީ ޓީމުން ފެންނާކަށް ނެތެވެ. 2008 ވަނަ އަހަރު މުބާރާތުގެ އެންމެ ކާމިޔާބު އިންޑިޔާ ބަލިކޮށް ތަށި ނެގި ޓީމު މިއަދު ތިބީ ޓީވީއިން މެޗުތަށް ބެލުމަށެވެ. މިއީ އެކުޅުންތެރިން ދެކެން ބޭނުންވާނެ ގައުމީ ޓީމު ބާއެވެ؟ ނޫނީ މިހާރު ފެންނަމުން މިދާ ނަތީޖާ ތަކަކީ އެކުޅުންތެރިން ފަހުރު ވެރިވާނެ ނަތީޖާތަކެށް ބާއެވެ؟ ހަމަ ގައިމުވެސް އެދުވަހު ގައުމީ ޓީމުގެ ކުޅުން ފެނުނު އެއްވެސް ދިވެއްސަކަށް މިކަމަށް އެއްބަސް ނުވެވޭނެއެވެ.

2018 ވަނަ އަހަރު އެންމެ ފަހުން ގައުމީ ޓީމު މި މުބާރާތް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މިއަދު ގައުމީ ޖާޒީގައި ފެންނާކަށްނެތެވެ. ގައުމީ ޓީމުގައި ފެންނަމުން ދަނީ ޒުވާން އާ ކުޅުންތެރިންތަކެވެ. މިއީ ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ފުޓުބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކުން ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އެމަންޒަރު ފެންނަމުން ދޭހެއްޔެވެ؟

މުބާރާތުގައި ވާދަކުރި އެހެން ގައުމު ތަކުން މުބާރާތައް ތައްޔާރުވުމަށް މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަށް ކުޅުނު ފަދައިން ރާއްޖޭގެ ގައުމީ ޓީމަށް އެކަން ނުވީ ކީއްވެ ހެއްޔެެވެ؟ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގައި ބަޖެޓު ނެތީ ހެއްޔެވެ. ނޫނީ ހަރަދު ނުކުރަނީ ހެއްޔެވެ؟ މިއީ ދިވެހި ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު މިއަދު ކުރަމުން ގެންދާ ސުވާލެކެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި އަހަރުގެ މިބާރާތް ރާއްޖެއިން ފެށީ ހިތްގައިމު މޮޅަކާއި އެކުއެވެ. ފުރަތަމަ މެޗުގައި ބޫޓާން 0-2ގެ ނަތީޖާއަކުން ބަލިކޮށްގެން މުބާރާތް ފެށި ނަމަވެސް ދެވަނަ މެޗުގައި ފެނުނީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ރާއްޖެއާއި އެންމެ ވާދަވެރި ބަންގްލަދޭޝް ފަހަތުން އަރައި ރާއްޖެ ބަލި ކުރި މަންޒަރެވެ. 20 އަހަރު ވަންދެން މި މުބާރާތުގައި ރާއްޖެއިން ހިފަހައްޓަމުން އައި ރެކޯޑު ނިމުމަކަށް އައި މަންޒަރެވެ. 2003 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބަންގްލަދޭޝްއިން ރާއްޖެ 1-3ގެ ނަތީޖާއަކުން ބަލިކުރިއެވެ. މިއީ އަސްލު ރާއްޖޭގެ ފެންވަރު ހެއްޔެވެ؟

ފުޓުބޯޅަ ދިރާސާ ކުރާ ބައެއް ފަރާތްތަކާއި ކުރީގެ ކޯޗުންނާއި ކުޅުންތެރިން ދެކޭ ގޮތަށްވެސް ބަލާ ލާނަމެވެ. އެކި ބޭފުޅުންގެ ވިސްނުން ތަފާތެވެ. އެހެން ނަމަވެސް އެއްބަސް ވެވޭ އެއްކަމެއް އެބައޮތެވެ. އެއީ ތައްޔާރު ވާން ޖެހޭ ވަރަށް ރައްޖެއަށް ތައްޔާރު ނުވެވުން މައްސަލައެވެ. ރާއްޖެއިން ނިމިދިޔަ ދެ މެޗުގައިވެސް ކުޅުންތެރިންގެ ފަރާތުން "ޓީމް ވޯކް" ފެނުނީ މަދު ފަހަރެއްގައެވެ. މިއީ ތައްޔާރު ވުމަށް އެއްވެސް މެޗެއް ނުކުޅެ މުބާރާތާއި ކުރިމަތި ލުމުން ދިމާވާ މައްސަލައެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއިން މިއަދު މި ނިކުންނަނީ ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށްފައިވާ ލުބުނާން އާއި ދެކޮޅަށެވެ. މުބާރާތުގައި އެގައުމުން ފުރަތަމަ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗު 0-2ގެ ނަތީޖާއަކުން ކާމިޔާބު ކުރި އިރު ދެވަނަ މެޗުގައި ބޫޓާން ބަލިކޮށްފައި ވަނީ 1-4ގެ ނަތީޖާއަކުންނެވެ. މޮޅުވުން މަޖުބޫރު މެޗަކަށް މިފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ރައްޖެއިން ނިކުންނަ އިރު، ކުރިން ފެނުނު ކުޅުން ކުޅެފި ނަމަ މޮޅުވާން އުނދަގޫ ވާނެ ކަމުގައި ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

ހުރިހާ ދިވެހިންގެ އުންމީދަކީ އެއް އުންމީދެކެވެ. 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ތަކުރާރު ވުމެވެ. ސަރަހައްދީ އެންމެ ބޮޑު މުބާރާތް ރާއްޖެއިން ކާމިޔާބު ކުރުމެވެ. މި މުބާރާތުގައި އެންމެ ފަހުން ރާއްޖެއިން ކުޅުނު މެޗަށް ފަހު ގައުމީ ކޯޗު ވަނީ ދިވެހިންގެ ކިބައިން މާފަށްވެސް އެދިފައެވެ. އެހެން ކަމުން މިއަދުގެ މެޗުގައި ތަފާތެއް ފެނުމަކީ ހުރިހާ ދިވެހިންގެ ވެސް އުންމީދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޥައްޑެ

    ދިވެހި ޓީމްގަތިބީ ވަކައޮޅި ތުއްތު. ނާއިޒް އަރުވަންވާނީ ފަހުން. އޭރުން އެސޮރަށް ކުޅެވޭނީ

    9
    1
  2. 2222

    ކިހިނެއް ފުޓް ބޯޅަ ކުރިއަރާނީ؟
    1. ކޯޗަށް ދޭންވާ ލާރިކޯޅުވެސް ބަނޑު އަޅަނީ.
    2. ޕްރެކްޓިސް ކިރނަޖެހޭ ގޮތާއި ކިޅެންޖެހޭ ގޮތާއި ކުޅޭނެ ކުޅުންތެރިންނާއި، ޓީމު ނަގަންވާގޮތާއި އެނގޭނީ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް.

  3. ބައްތި

    މި ރާއްޖޭގައި ފުޓްބޯޅައެއް ކުރިއެއް ނާރާނެ. ކުޅުންތެރިންނަށް ދޭންޖެހޭ ރުފިޔާތައް ދެނީކީ އެއްނޫން. ޓީމުގް ތަކުގެ ބޮޑެތި މީހުން އެފް.އޭ.އެމް އިން ދޭ ރުފިޔާ ކާލައިގެން މި ތިބެނީ. މީހުންގެ ހައްގުތަކަށް އަރައިގަނެގެން. މިވަރު މީހުން ހައްޖަށްވެސް މިދަނީ.