އަޔެކްސް އަށް ކުޅެމުން އަންނަ ހުނަރުވެރި ޑިފެންޑަރު ޖުރިއަން ޓިމްބާ އާސެނަލް އަށް ބަދަލުވުމާ ގާތަށް ޖެހިލާފައިވާ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލް އިން ވަނީ އަޔެކްސް އަށް 40.5 މިލިއަން ޕައުންޑް ދީފައި ޓިމްބާ ގަތުމަށް އެއްބަސްވެފައެވެ. އާ ސީޒަނަށް ތައްޔާރުވަމުން އަންނަ އާސެނަލް އިން މީގެކުރިން ވަނީ ނެދަލެންޑްސްގެ ޑިފެންޑަރު ގަތުމަށް 30 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅައިފައެވެ.

އެކަމަކު، އެ ބިޑަކީ އަޔެކްސް އިން ހިތްހަމަޖެހޭ ވަރުގެ ބިޑަކަށް ނުވިއެވެ. އެކަމަކު، ފަހުން އާސެނަލް އިން ވަނީ އެ އަދަދު ބޮޑު ކުރަން ނިންމައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޓިމްބާ ވެސް ހުރީ އާސެނަލް އަށް ދިއުމަށް ބޭނުންވެފައެވެ. އެހެންވެ، އަޔެކްސް އިން އޭނާ ދޫކޮށްލަން ވަނީ ނިންމައިފައެވެ.

އަންނަ ސީޒަނަށް އާސެނަލްގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު ކުޅުންތެރިންތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އާސެނަލް އިން އެންމެ ފުރަތަމަ ގެނެސްފައި ވަނީ 65 މިލިއަން ޕައުންޑް ދީފައި ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒްއެވެ.

ހަވާޓްޒްގެ އިތުރުން ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ ކެޕްޓަން ޑެކްލަން ރައިސް ގެނައުމަށް އާސެނަލް އިން ވަނީ 100 މިލިއަން ޕައުންޑް އަދި އެޑް އޮންސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅައިފައެވެ. އެ ބިޑް ވެސްޓްހަމް އިން ބަލައިގެންފައިވާ އިރު، ރައިސް ވެސް ވަރަށް އަވަހަށް އާސެނަލްއާ ގުޅޭނެއެވެ.

މިދިޔަ ސީޒަންގައި އާސެނަލްއަކީ ޕްރިމިއާ ލީގަށް ވާދަ ކުރި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އެ ޓީމުން ވަނީ މެންޗެސްޓާ ސިޓީ ވައްޓާލައި 200 އަށް ވުރެ ގިނަ ދުވަހު ލީގުގެ އެއްވަނައިގައި އޮވެފައެވެ. އެކަމަކު، ލީގުގެ ފަހު މެޗުތަކުގައި އާސެނަލް އިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ލީގު ހޯދީ ސިޓީއެވެ.

އާސެނަލް އިން ވަނީ ފަސް އަހަރު ފަހުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެފައެވެ.

ޓިމްބާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް މަސައްކަތް ކުރިއެވެ. އެކަމަކު، ޓިމްބާ ވިއްކާލަން އަޔެކްސް އިން ކިއާ އަގާ މެދުގައި ބަޔާން އިން ހިތްހަމައެއް ނުޖެހެއެވެ.

އާސެނަލް ޕްރީ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގައެވެ.