މިދިޔަ ސީޒަންގައި ޗެމްޕިއަން ލީގާއި އެފްއޭ ކަޕާއި ޕްރިމިއާ ލީގު ކާމިޔާބުކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކުރި މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން މޯރެސް ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެޑަސަން ޗުއްޓީ ހޭދަކުރަނީ ދ. އަތޮޅުގައި އޮންނަ ކަނޑިމަ ރިސޯޓުގައެވެ.

އުމުރުން 29 އަހަރުގެ އެޑަސަންއާއެކު އޭނާގެ އަންހެނުން ލުއިސް މޮރޭސްއާއި ތިން ކުދިން ވެސް ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ.

މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން ރާއްޖޭގައި ފުޓްބޯޅަ ކުޅެނީ.

އެޑަސަން ވަނީ ހޮޓެލް ސްޓާފުންނާއި ބައެއް ގެސްޓުންނާއެކު އެ ރިސޯޓުގައި ފުޓްބޯޅަ ވެސް ކުޅެފައެވެ. ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމްގައި ހިމެނޭ އެޑަސަން ވަނީ ރިސޯޓްގައި ތިބި ވަރަށް ގިނަ މީހުންނަށް އޮޓޯގްރާފް ދިނުމުގެ އިތުރަށް ގްރޫޕް ފޮޓޯ ވެސް ހުއްޓިފައިއެވެ.

ކަނޑިމަ މޯލްޑިވްސްއަށް މިފަހުން ވަރަށް ގިނަ ފުޓްބޯޅަ ކުޅުންތެރިން ޗުއްޓީ ހޭދަކުރަން ގޮސްފައިވެއެވެ. އޭގެ ތެރޭގައި އޭސީ މިލާންގެ ކެޕްޓަން ޑޭވިޑް ކެލަބްރިއާ އަދި ލިވަޕޫލްގެ ތަރި ޖޯ ގޮމޭޒް ހިމެނެއެވެ. ސައްވީސް ގަޑިއިރަށް ބޭނުންކުރެވޭ ފިޓްނެސް ވަސީލަތްތައް ހުންނަ މި ރިސޯޓަކީ ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި މަގްބޫލު ރިސޯޓެކެވެ.

އެޑަސަން ވަނީ މެންޗެސްޓާ ސިޓީ އަށް ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު ކާމިޔާބުކޮށް ދިނުމަށް ވަރަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މެންޗެސްޓާ ސިޓީއިން ޗެމްޕިއަންސް ލީގްގައި ހޯދާފައިވާ ކާމިޔާބީއަށްފަހު މިހާރު އެ ޓީމްގެ ގިނަ ކުޅުންތެރިން ތިބީ ޗުއްޓީގައިއެވެ. އެގޮތުން، އާލިންގް ހާލަންޑް މިވަގުތު ހުރީ އިބީޒާގައި ޕްރައިވެޓް ޔޮޓެއްގައި ޗުއްޓީ ހޭދަކުރާށެވެ. އޭނާ އިބީޒާއަށް ދަތުރުކޮށްފައިވަނީ މޮނާކޯގެ ޕްރިންސް އަލްބާޓްއާއި ބައްދަލުކުރުމަށްފަހުގައެވެ.

އެ ޓީމްގެ ކޯޗް ޕެޕް ގާޑިއޯލާވެސް ވަނީ ޗުއްޓީ ހޭދަކުރުމަށް މިސްރަށް ދަތުރުކޮށްފައެވެ. މިސްރުގެ އަހުރާމްތަކުގައި ހުރެގެން ގާޑިއޯލާ ނަގާފައިވާ ފޮޓޯތައް އަންނަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މީނަޔަށް ބޫޓެއް ހަދިޔާ ކުރިނަމަ ހުސްފައިގައި ކުޅެނިކޮށް ފައި ހަލާކުވެ ކެރިއަރ ފުނޑުފުނޑު ވެދާނެ އެއްނު