2014 ވަނަ އަހަރުން ފެށިގެން ނިމި ދިޔަ ސީޒަނާއި ހަމައަށް ސްޕެއިންގެ ރިއަލް މެޑުރިޑަށް ކުޅެމުން ދިޔަ މާކޯ އެސެންސިއޯ ފުރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

ޕީއެސްޖީއިން ނެރެފައިވާ ނޫސްބަޔާނެށްގައި ބުނެފައިވާ ގޮތުން އުމުރުން 27 އަހަރުގެ ސްޕެއިންގެ ފޯވާޑު އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުއެވެ.

އެސެންސިއޯ ރެއާލްގައި މަޑު ކުރާ ކަހަލަ ވާހަކަތަކެއް މިދިޔަ އޭޕްރީލް މަހުގައި ވެސް ދެކެވުނެވެ. އެކަމަކު، އެސެންސިއޯ ވަނީ ރެއާލްގެ ހުށަހެޅުމަށް ފުރަގަސް ދީފައެވެ. އެސެންސިއޯގެ އެޖެންޓް ޖޯޖް މެންޑީސް ވެސް ބުނެފައިވާ ގޮތުގައި އެސެންސިއޯ އަށް އެންމެ ރަނގަޅު ގޮތަކީ އާ ކްލަބެއް ހޯދުމެވެ.

ރެއާލް މެޑްރިޑާ ގުޅުމަށްފަހު އޭނާ ފުރަތަމަ ލޯނު އުސޫލުން ބަދަލުވީ އެސްޕެންޔޯލަށެވެ. ކެޓަލޯނިއާގެ ކުލަބަށް ކުޅުނު 37 މެޗުން އޭނާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ރެއާލް މެޑްރިޑަށް ކުޅުނު ހަތް ސީޒަނުގައި އޭނާ ވަނީ ތިން ޗެމްޕިއަންސް ލީގު ހިމެނޭހެން ޖުމްލަ 16 ތަށި ކާމިޔާބުކޮށްފައެވެ. މީގެއިތުރުން 2016 ވަނަ އަހަރު އަސެންސިއޯ އަށް ވަނީ ސްޕެއިންގެ ގައުމީ ޓީމުންވެސް ޖާގަ ލިބިފައެވެ. އޭނާ ވަނީ ސްޕެއިން އާއެކު 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފައެވެ.

މީގެއިތުރުން އިންޓަ މިލާންގެ ޑިފެންޑަރު މިލާން ސްކްރިނިއާ ހިލޭ ޓްރާންސްފަރ އެއްގައި ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ވަނީ ޕީއެސްޖީއަށް ސޮއެކޮށްފައެވެ.

ސްލޮވޭކިއާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ އިންޓަ އަށް ފަސް އަހަރު ކުޅެފައިވާއިރު، އޭނާ ވަނީ އިންޓަ އާއެކު 2020-21 ވަނަ އަހަރުގެ ސީޒަންގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ޕީއެސްޖީން ސްކްރިނިއާގެ ސޮއި ހޯދީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލުން ވެސް އެ ކުޅުންތެރިޔާއަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނަމުން ދިޔަ ދަނޑިވަޅެއްގައެވެ