ބާސެލޯނާގެ އާ ކެޕްޓަނަކަށް ޑިފެންޑަރު ސާޖިއޯ ރޮބާޓޯ ހަމަޖައްސައިފިއެވެ.

ބާސެލޯނާގެ ލަމާސީއާއިން ތަމްރީނުވެ، ސީނިއާ ޓީމާ 2010 ވަނަ އަހަރު ގުޅުނު ކުޅުންތެރިޔާ އަށް ކެޕްޓަންކަން ދިނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ކެޕްޓަންކަން ކުރި ސާޖިއޯ ބުސްޓެކްޓް ޓީމު ދޫކޮށްލުމުންނެވެ.

އުމުރުން 31 އަހަރުގެ ރޮބާޓޯ ގިނަ ބަޔަކު ފާހަގަކުރަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 4-0ގެ ފަހަތުގައި އޮއްވައި ދެ ވަނަ ލެގުގައި 6-5އިން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ފަހު ވަގުތުގައި ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ. ނަމަވެސް އޭނާގެ އަގު އެކަށީގެންވާ ގޮތަކަށް ވަޒަން ނުކުރާކަމަށް ބުނެ ރޮބާޓޯ ވަނީ މީގެ ކުރިން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

2010 ވަނަ އަހަރުން ފެށިގެން ބާސެލޯނާގެ ސީނިއަރ ޓީމަށް 231 މެޗު ކުޅެދިން އިރު، އޭނާ ވަނީ ނުވަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ސްޕެއިންގެ ގައުމީ ޓީމަށް 2016 ވަނަ އަހަރުން 2011 ވަނަ އަހަރަށް 11 މެޗު ކުޅެދީ އެއް ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ.

ބާސެލޯގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ތިން ކުޅުންތެރިން ތިބެއެވެ. މިގޮތުން ފުރަތަމަ ވައިސް ކެޕްޓަނަކަށް ހުންނާނީ ގޯލްކީޕަރު މާކް އަންދްރޭ ސްޓެގަންއެވެ. އަނެއް ދެ ވައިސް ކެޕްޓަނުން އަދި ހަމަނުޖައްސައެވެ. މިމަގާމަށް ވާދަކުރަނީ ފްރޭންކީ ޑިޔޮންގާއި ޕެޑްރީ އަދި އޮސްމާނޭ ޑެމްބެލޭއެވެ. ޓީމުގައި ހޭދަކުރި މުއްދަތާއި ސީނިއަރިޓީ އަށް ބަލާއިފައި މީގެ ފަހަތުން ދެން އަންނަ ނަންތަކަކީ ރޮބަޓް ލެވޮންޑޯސްކީ އާއި ރޮނަލްޑް އަރައުހޯއެވެ.