ޅ. އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ގައި މިއަދު މޮނާކީއާއި ޔަންގް ސްޓަރސް ބައްދަލު ކުރި މެޗު މޮނާކީއިން ކާމިޔާބުކޮށްފިއެވެ.

ޅ. އޮޅުވެލިފުށި ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު މޮނާކީއިން ކާމިޔާބުކޮށްފައި ވަނީ 1-3ގެ ނަތީޖާއަކުންނެވެ. މިއާއި އެކު މޮނާކީ އިން ވަނީ ސެމީގެ ތިން ވަނަ ޖާގަ ކަށަވަރުކޮށްފައެވެ.

ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ކުޅުނު މި މެޗުގައި މޮނާކީގެ ފަރާތުން ވަނީ މޮޅު ކުޅުމެށް ފެނިގެން ގޮސްފައެވެ. ގިނަ ހަމަލާތަކެށް އުފައްދަމުން ދިޔަ އިރު، ޔަންގް ސްޓަރސްއިންވެސް ގެންދިޔައީ ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ.

މެޗުގައި މޮނާކީއިން ޖެހި ތިން ލަނޑު ފެނިގެން ދިޔައީ މެޗުގައި މޮޅު ކުޅުމެށް ދެއްކި ހަސަން ޒަރީރުއާއި ޒައިޝާންގެ އިތުރުން އަހުމަދު ސުނިލްގެ ފަރާތުންނެވެ. ޔަންގް ސްޓަރސްއިން ކާމިޔާބު ކުރި ހަމައެކި ލަނޑު ކާމިޔާބުކޮށް ދިނީ އަލީ ރަޔާންއެވެ.

މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މޮނާކީގެ ހަސަން ޒަރީރުއެވެ. ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް މާދަމާ އެންމެ ފަހުގެ ޗެމްޕިއަން އޮޅު ސިޓީއިން ނިކުންނާނީ އިދިކޮޅު އެފްޓީއާއި ދެކޮޅަށެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.