ބްރެޒިލްގެ އެތުލެޓިކް ޕަރަނައެންސޭއަށް ކުޅެމުންދާ ޒުވާން ފޯވަޑް ވިކްޓަރ ރޮކޭ ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއަށް ސޮއިކުރަން ނިންމައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން މިއެއްބަސްވުމުގެ ދަށުން ރޮކޭ ބާރސާއަށް ސޮއިކުރާނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާގެ އެއްބަސްވުމުގައި ބައި އައުޓް މާއްދާގައި ހަމަޖައްސާފައިވާ އަގަކީ 500 މިލިއަން ޔޫރޯއެވެ.

އުމުރުން 18 އަހަރުގެ ރޮކޭ ބާރސާ އާއި ގުޅުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުން ފެށިގެންނެވެ.

ރޮކޭ ވަނީ ޕަރަނައެންސޭއަށް ކުޅެދީފައިވާ 66 މެޗްގައި 22 ލަނޑު ޖަހާދީފައެވެ. އަދި މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށްވެސް އޭނާ ވަނީ ވެގެން ގޮސްފައެވެ. ޓްވިޓަރގައި ރޮކޭ ހާމަކުރިގޮތުގައި ބާރސާއަށް ސޮއިކުރުމުގެ ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފާވެފައިކަމަށެވެ.

މިކަމާ ގުޅިގެން ރޮކޭ ބުނީ ބާސާއަށް ސޮއިކުރުން ވެގެންދާނީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސާއިން އެންމެ ފުރަތަމަ އަގެއްގެގޮތުގައި ޕަރަނައެންސޭއަށް ދިނުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ޔޫރޯއެވެ. އަދި އެހެނިހެން އިތުރު ކަންތައްތަކާއެކު އިތުރު 31 މިލިއަން ޔޫރޯ ދިނުމަށްވެސް އެއްބަސްވެވިފައިވެއެވެ. ރޮކޭވަނީ މިއަހަރުގެ ކުރީކޮޅު ބޭއްވި ދެކުނު އެމެރިކާގެ އަންޑަރ ޓުވެންޓީ ޗެމްޕިއަންޝިޕްގައި ހަލަނޑު ޖަހާދީ އެންމެ ގިނަ ލަނޑު ޖެހި ކުޅުްތެރިޔާއަށް އެމުބާރާތުގައި ވެގެން ގޮސްފައެވެ.

ރޮކޭގެ އިތުރުން ބާސާއިން އަންނަނީ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ޒުވާން ކުޅުންތެރިންނަށް ފާރަލަމުންނެވެ.