ޅ.އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން އޮޅު ސިޓީ ކާމިޔާބުކޮށްފިއެވެ.

އިއްޔެ އިދިކޮޅު އެފްޓީއާއި ދެކޮޅަށް ކުޅުނު މި މެޗު އޮޅު ސިޓީއިން ކާމިޔާބުކޮށްފައި ވަނީ 1-18ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި މެޗުއެވެ. ދެ ކުޅުންތެރިންގެ ފަރާތުން ހެޓްރިކް ފެނިގެން ދިޔަ އިރު، އޭގެން އެއް ކުޅުންތެރިއަކު ވަނީ ޑަބަލް ހެޓްރިކް ހަދާފައެވެ.

މުބާރާތުގައި ތަފާތު ނަތީޖާ ތަކެއް ނެރެމުން އަންނަ އޮޅު ސިޓީއިން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު، އިދިކޮޅު އެފްޓީއަށް ވަނީ ނުރައްކާތެރި ހަމަލާއެށް އުފެއްދުމަށް އުނދަގޫ ތަކެށް ކުރިމަތި ވެގެން ގޮސްފައެވެ. ގިނަ ގޯލު ތަކެއް ކައިރި ކައިރީގައި އޮޅު ސިޓީގެ ފަރާތުން ކާމިޔާބު ކުރުމާއި އެކު އިދިކޮޅު އެފްޓީ ވަނީ ޕުރެޝާއަށް ވެއްޓި، ޑިފެންސް ކުރުމުގައިވެސް އުނދަގޫ ތަކެށް ކުރިމަތި ވެފައެވެ.

މި މެޗުގައި އޮޅު ސިޓީއިން ކާމިޔާބު ކުރި 18 ގޯލުގެ ތެރެއިން 6 ގޯލު މުހައްމަދު ޝިފާން ކާމިޔާބުކޮށްދިން އިރު، އަބްދުﷲ ޝަކީލް އާއި މަފާޒް އަބްދުލް ޝުކޫރު ވަނީ 4 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މުހައްމަދު އަމަން 3 ގޯލު ކާމިޔާބުކޮށްދިން އިރު ޝާމިލް އަބްދުﷲ ވަނީ އެއް ގޯލު ކާމިޔާބުކޮށްދީފައެވެ. އިދިކޮޅު އެފްޓީއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހާނިފްއެވެ.

މި ތަފާތު ނަތީޖާ ފެނިގެން ދިޔަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މި މުބާރާތުގައި މޮޅު ކުޅުމެށް ދައްކަމުން ގެންދާ އަބްދުﷲ ޝަކީލްއެވެ. ސެމީ ފައިނަލް މެޗުތަށް މިއަދު ފަށާއިރު، ފުރަތަމަ މެޗުގައި ވާދަކުރާނީ ކާފަ ޓީމާއި މޮނާކީއެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.