ޅ. އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ސެމީ ފައިނަލް ދެވަނަ މެޗު ޕެނަލްޓީ ޖަހައިގެން ބީޖޭ ސިޓީއިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އޮޅު ސިޓީއާ ދެކޮޅަށް ކުޅުނު މި މެޗުގެ 90 މިނެޓު 3-3 ގެ ނަތީޖާއަކުން އެއްވަރު ވުމުން ވަނީ ޕެނަލްޓީ ޖަހައިފައެވެ. ޕެނަލްޓީގައި ބީޖޭ ސިޓީން ކުރި ހޯދީ 9-10 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ފަހަރަށް ތަށި ހޯދުމަށް ނުކުމެ އޮތް އޮޅު ސިޓީން ވަނީ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ އިރު، އޮޅު ސިޓީގެ މުހައްމަދު ޝިފާން ވަނީ މިއަދު މެޗުގައި ވެސް ހެޓްރިކް ހަދައިފައެވެ. މިއީ މުބާރާތުގައި އޭނާގެ ތިން ވަނަ ހެޓްރިކްއެވެ. އިދިކޮޅު އެފްޓީއާއި ދެކޮޅަށް ކުޅުނު މެޗުގައި ޝިފާން ވަނީ ޑަބަލް ހެޓްރިކް ހަދާފައެވެ.

އޮޅު ސިޓީއިން އުފައްދަމުން ގެންދިޔަ ހަމަލާތަކުގެ ރައްދުގައި ބީޖޭ ސިޓީއިން ވެސް ގެންދިޔައީ ކައިރި ކައިރީގައި ގިނަ ހަމަލާތަކެށް އުފައްދާފައެވެ. ބީޖޭ ސިޓީއިން މެޗުގައި ކާމިޔާބު ކުރި ތިން ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނަދީމްއާއި މުހައްމަދު އަޖްވަދުގެ އިތުރުން މުހައްމަދު ސުހައިލްއެވެ.

މިއަދު މެޗުގައި ބީޖޭ ސިޓީގެ ކީޕަރު އަލީ ޝާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭނާ ވަނީ އޮޅު ސިޓީގެ އެއް ޕެނަލްޓީ ހުށިޔާރު ކަމާއި އެކު ހުއްޓުވާފައެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ ބީޖޭ ސިޓީގެ ކީޕަރު އަލީ ޝާންއެވެ. މި މުބާރާތުގެ ފައިނަލް މާދަމާ ކުޅޭއިރު، ފައިނަލުގައި ބައްދަލު ކުރާނީ ކާފާ ޓީމާއި ބީޖޭ ސިޓީއެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.