އިނގިރޭސި ކުލަބް ވެސްޓް ހަމް ޔުނައިޓެޑުގެ ކެޕްޓަން ޑެކްލަން ރައިސް މިދިޔަ ސީޒަންގައި ލީގު ދެވަނަ ހޯދި އާސެނަލްއަށް ސޮއިކޮށްފިއެވެ.

ގިނަ ދުވަސް ތަކެށް ވަންދެން އާސެނަލުން ރައިސް ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތް ކާމިޔާބުކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ރެކޯޑު އަގަކަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ވެސްޓް ހަމްއިން ރައިސް ވިއްކާފައި ވަނީ 138 މިލިއަން ޕައުންޑަށެވެ. މީގެ ކުރިން އިނގިރޭސި އެންމެ އަގުބޮޑު ޑީލަކަށް އޮތީ، މީގެ ދެ އަހަރު ކުރިން އެސްޓަން ވިލާ އަށް 130 މިލިއަން ޑޮލަރު ދީފައި މެންޗެސްޓާ ސިޓީން ގަތް ޖެކް ގްރީލިޝްގެ ޓްރާންސްފާއެވެ.

އުމުރުން 24 އަހަރުގެ ރައިސް ގަންނަން އާސެނަލުން ފުރަތަމަ ކުރި މަސައްކަތްތައް ވީ ނާކާމިޔާބެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން، މެންޗެސްޓާ ސިޓީން ވެސް ފުރަތަމަ ރައިސް ގަތުމުގެ ރޭހުގައި ވާދަކުރި އެވެ. އެކަމަކު، ފަހުން ވެސްޓް ހޭމް އިން ރައިސް ވިއްކާލަން ކިޔާ އަގު ބޮޑުވުމުން ފަހުން ސިޓީން އެ ޑީލާ ދުރަށް ޖެހިލީއެވެ.

މިދިޔަ ސީޒަނުގައި ވެސްޓް ހޭމް އިން ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ހިސާބުން، ވެސްޓް ހޭމްގެ މެނޭޖްމަންޓުން އެއްބަސްވީ ރެކޯޑް ޑީލެއް ލިބިއްޖެނަމަ ރައިސް ދޫކޮށްލާށެވެ. އެއާއިއެކު އާސެނަލުން ވަނީ ރައިސް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ފުރަތަމަ ހުށައެޅި އަގު ކުޑަ ވުމުން ބިޑު ގަބޫލު ނުކުރުމުން ދެވަނަ ބިޑެށްވެސް ވަނީ ހުށައަޅާފައެވެ.

އާސެނަލުން މި ވަނީ މި ފަހަރުގެ ޓްރާންސްފާގައި ތިން ކުޅުންތެރިއަކު ގަންނަން 250 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށްފައެވެ. ޗެލްސީގެ ކައި ހަވާޓްޒް ވަނީ 75 މިލިއަން ޑޮލަރަށް އާސެނަލަށް ސޮއިކޮށްފައެވެ. އަދި އަޔަކްސްގެ އުންމީދީ ޑިފެންޑަރު ޖޫރިއަން ޓިމްބާ ވަނީ 38 މިލިއަން ޑޮލަރުގެ ފީ އަކަށް އާސެނަލާ ގުޅިފައެވެ.

2015 ވަނަ އަހަރުން ފެށިގެން ވެސްޓް ހަމްއަށް ކުޅެމުން ގެންދިޔަ ރައިސް ވަނީ ޖުމުލަ 204 މެޗު ކުޅެދީފައެވެ. އަދި ޖުމުލަ 10 ލަނޑު ވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. މިދިގު ތާރީހުގައި އޭނާ ވަނީ ވެސްޓް ހަމްގެ ޕުލޭޔަރ އޮފްދި އިޔަރ ތިން އަހަރު ހޯދާފައެވެ.