ފީފާ އަންހެނުންގެ ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު ދެ މެޗު އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ އާއި ޖަޕާނުން ކާމިޔާބުކޮށްފިއެވެ.

ގުރޫޕް ސީގެ ދެވަނަ މެޗުގައި ޖަޕާނުން ކުޅެފައި ވަނީ ޒެމްބިއާ އާ ދެކޮޅަށެވެ. މިމެޗު ޖަޕާނުން ކާމިޔާބުކޮށްފައި ވަނީ 0-5 ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް އީގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއިން ވިއެޓްނާމް ބަލިކޮށްފައި ވަނީ 0-3ގެ ނަތީޖާއަކުންނެވެ.

2011 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވިމެންސް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަޕާނުން އިއްޔެގެ މެޗުގައިވެސް ވަނީ މޮޅު ކުޅުމެށް ދައްކައިފައެވެ. ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމަށް ޒެމްބިއާ އަށް އެއްވެސް ފުރުސަތެއް ނުދީ ޖަޕާނުން ވަނީ 11 ހަމަލާ ގޯލަށް އަމާޒުކޮށް ފޮނުވާލައިފައެވެ. ޖަޕާނު ޓީމުގެ ފަރާތުން 600 އަށް ވުރެ ގިނަ ޕާސް މެޗުގައި ފުރި ހަމަކުރި އިރު، ޒެމްބިއާއިން ވަނީ 413 ޕާސް ފުރިހަމަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖާޕާނަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. މެޗުގެ 43 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށްދިނީ ހިނަޓާ މިޔަޒަވާއެވެ. ދެވަނަ ހާފު ފަށައިގެން މެޗުގެ 55 ވަނަ މިނެޓުގައި ޖަޕާނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މިނަ ޓަނަކާއެވެ. މެޗުގައި ޖަޕާނުން ޖެހި ތިން ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައި ވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހިނަޓާ މިޔަޒަވާއެވެ. ހަތަރު ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖުން އެންޑޯ ކާމިޔާބުކޮށްދިން އިރު، ފަސް ވަނަ ލަނޑު މެޗުގެ 90 މިނެޓު ހަމަވެގެން އިތުރަށް ދެއްކި ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ދިނީ ރިކޯ އެކީއެވެ. މި މެޗުގައި ވަނީ އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓު ވަނީ ކުޅެފައެވެ. މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޒެމްބިއާގެ ކީޕަރަށް ދެ ރީނދޫ ކާޑާއި އެކު ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

މުބާރާތް މިލުކު ކުރުމަށް ނުކުމެ އޮތް އެމެރިކާއިން މެޗުގައި ޖުމުލަ 464 ޕާސް ފުރި ހަމަކޮށްފައި ވާއިރު، ވިއެޓްނާމަށް ފުރި ހަމަ ކުރެވުނީ 257 ޕާހެވެ. މެޗުގެ 79 އިންސައްތަ ކޮންޓްރޯލު ކޮށްގެން އެމެރިކާއިން ކުޅުނުއިރު، މެޗުގެ ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ފެނިގެން ދިޔަ އިރު، ދެވަނަ ލަނޑު ފުރަތަމަ 45 މިނެޓު ހަމަވުމުން ކުޅުނު އިތުރު ވަގުތުގައި ވަނީ ފެނިގެން ގޮސްފައެވެ. މި ދެލަނޑުވެސް އެމެރިކާއަށް ކާމިޔާބުކޮށް ދިނީ ސޯފިޔާ ސުމިތުއެވެ. އެމެރިކާއިން މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ލިންޑްސޭ ހޮރަންއެވެ. މި މެޗުގައި ގޯލާއި އަމާޒުކޮށް އެމެރިކާއިން 7 ހަމަލާ ފޮނުވާލި އިރު، ވިއެޓްނާމަށް އެއްވެސް ހަމަލާއެއް ފޮނުވާ ނުލެވެއެވެ.

މިއަދުވެސް ދެ މެޗު ކުޅުމަށް ހަމަ ޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ސްވިޑަންއިން ނިކުންނާނީ ސައުތް އެފްރިކާ އާއި ދެކޮޅަށެވެ. އަދި ޕޯޗުގަލްއިން ނިކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. މި މުބާރާތް ކުރިއަށް ދަނީ އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައެވެ.