މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ހުނަރުވެރި ޑިފެންޑަރު ނަތަން އަކޭ ސިޓީއާ އެކީ އޮތް އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާކޭ އާ ސިޓީ އާ އެކީ އޮތް އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށް ދެ ފަރާތުން ވާހަކަ ދައްކަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެހާސް ވިހި ވަނަ އަހަރު އެއެފްސީ ބޯންމައުތުން ފަސް އަހަރުގެ ދާއިމީ އެއްބަސްވުމެއްގެ ދަށުން ސިޓީ އަށް ބަދަލުވި އާކޭ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކުރިން އޮތީ 2025 ގައެވެ. އިތުރު ދެ އަހަރަށް އެއްބަސްވުން އާ ކުރުމުން އާކޭ އަށް ސިޓީއާއެކީ 2027 އަށް މަޑުކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ސިޓީއާ ގުޅުނު ފަހުން އާކޭ ވެގެން ގޮސްފައި ވަނީ ސިޓީ އާއި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަށް ވެސް ކަމުދާ މުހިންމު ކުޅުންތެރިއަކަށެވެ. ނިމިދިޔަ ސީޒަނުގައި ސިޓީން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރިއިރު އަކޭ ވެގެން ގޮސްފައިވަނީ ޓްރެބަލް ސިޓީއަށް ކާމިޔާބު ކޮށްދިނުމަށް މުޙިންމު ދައުރެއް އަދާކުރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެއްބަސްވުން އާކުރުމަށް ފަހު އާކޭ ބުނެފައިވަނީ ސިޓީގައި އިތުރު ދެ އަހަރަށް މަޑުކުރުމުން އުފާ ކުރާ ކަމަށާއި ގާޑިޔޯލާ އަކީ ކަމުދާ ކޯޗެއް ކަމަށެވެ. އަދި ގާޑިއޯލާ އެކީ މަސައްކަތްކުރަން ލިބުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި އާކޭ ބުނެފައިވެއެވެ.

މެންޗެސްޓާ ސިޓީ އާ ގުޅުނު ފަހުން އާކޭ ވަނީ ސިޓީއަށް 81 މެޗު ކުޅެދީ ހަތް ގޯލް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ސިޓީއާ އެކީ ޖެހިޖެހިގެން ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް އެފްއޭ ކަޕް، ލީގު ކަޕް އަދި ޗެމްޕިއަންސް ލީގް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.