ފީފާ ވުމެންސް ވޯލްޑް ކަޕުގައި މިއަދު އިޓަލީ އާއި ދެކުނު އެފްރިކާ ބައްދަލު ކުރި މެޗް ދެކުނު އެފްރިކާއިން ކާމިޔާބު ކޮށްފިއެވެ. ދެކުނު އެފްރިކާއިން މި މެޗް ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުން ވެސް ފުރަތަމަ ހާފްގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗު ފެށިގެން 11 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގާ ދީފައިވަނީ ލިބުނު ޕެނަލްޓީއަކުން އަރިއާނާ ކަރުސޯއެވެ. ލީޑު ނަގައިގެން އިޓަލީން ކުޅެމުން ދަނިކޮށް, ބެނެޑެއްޓާ އޯސީ އަތުން ބައިކޮޅަށް ވަން ގޯލާއި އެކީ ނަތީޖާ ވަނީ އެއްވަރު ވެފައެވެ.

1-1 ގެ ނަތީޖާއަކުން ފުރަތަމަ ހާފް ނިމިގެން ދިޔައިރު, ދެވަނަ ހާފްގައި އިތުރު ލަނޑެއް ޖަހައި ދެކުނު އެފްރިކާގެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި ހިލްޑަ މަގައި ޖަހައިދިން ގޯލެކެވެ. މެޗުގެ 74 ވަނަ މިނެޓުގައި އިޓަލީން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު, ދެކުނު އެފްރިކާއިން ޖެހި ތިން ވަނަ ގޯލަކީ މެޗުގެ 90 މިނެޓު ހަމަވެ, ލިބުނު އިތުރު ވަގުތުގައި ޖެހި ގޯލެކެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ތެމްބީ ގަތްލަނާއެވެ.

މިމެޗުން ދެކުނު އެފްރިކާ މޮޅުވުމާއި އެކީ އެ ޓީމު ވަނީ ގްރޫޕު ޖީގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. މި ގްރޫޕުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފައިވަނީ ސުވެޑެން އެވެ.