އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަންގެ ތިންވަނަ މެޗް ބޮޑު ތަފާތަކުން މެޕްސް ކޮލެޖުން ކާމިޔާބުކޮށްފިއެވެ.

ކޮލެޖް، ޔުނިވާސިޓީ އަދި ތައުލީމުދޭ މަރުކަޒުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ އެންމެ ބޮޑު ފަރަގަކުން މިހާތަނަށް މެޗެއް ކާމިޔާބު ކުރި އެއް ޓީމަކީ މެޕްސްގެ އަންހެން ޓީމެވެ. އިއްޔެ ހަވީރު ކުރިއަށް ދިޔަ އެ މެޗުގެ ނަތީކާއަކީ 20-1 އެވެ.

ގައުމީ ހޭންޑްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގައި ގޯލަކަށްފަހު ގޯލެއް މެޕްސް ކޮލެޖުން ޖަހަމުން ދިޔައިރު، އެ ޓީމުގެ އާމިނަތު ހިލްޔާ ހިލްމީ ވަނީ 13 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ހިލްޔާ އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ކްއީން އޮފް ދަ މެޗް ހިލްޔާ --

ފަސް ލަނޑާއި އެކު ދެން އެ މެޗްގައި އެންމެ ގިނަ ލަނޑު ޖެހީ އައިޝަތު ސަމްހާ އަލީ އެވެ. މެޕްސް ކޮލެޖުން މި މެޗް ކާމިޔާބުކުރީ ކޮންމެ ހާފަކު 10 ލަނޑު ޖަހައިގެންނެވެ. ގްރޫޕް ސްޓޭޖްގެ އެ މެޗުން އައިޔޫއެމްއެސްޔޫ ބަލިވިނަމަވެސް އަދި މުބާރާތުން ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.

އައިޔޫއެމްއެސްޔޫގެ ކޯޗު ވަފާދު ހިލްމީ ބުނީ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށާއި، ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗްތައް ރަނގަޅު ކުރާނެ ކަމަށް ބުންޏެވެ.

މެޕްސް ކޮލެޖްގެ ކޯޗުވެސް ބުނީ ޓީމުގެ ކުޅުމާއި މެދެ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 - ވަގުތު އިމޭޖްސް

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާގެ އަންހެން ބައިގެ ގްރޫޕް އޭގައި ހިމެނެނީ ވިލާކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި، ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމާއި މެޕްސް ކޮލެޖެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެމްއައި ކޮލެޖް ސްޓޫޑެންޓް ޔޫނިއަންއާއި، ޒިކުރާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ އިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި ކްލިކް ކޮލެޖް އެވެ.

ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލްއެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލްއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރޭޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާއެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.