އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗު އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ވިލާ ކޮލްޖްގެ ސްޓޫޑެންޓް އެސޯސިއޭޝަން ފައިނަލުން ޖާގަހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހޭންޑްބޯލް ގައުމީ ދަނޑުގައި ކުޅުނު ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުގައި ބައްދަލު ކުރީ ވިލާ އަދި ކްލިކް ކޮލެޖް އެވެ. އެ މެޗުގެ ދެ ހާފު ނިމިގެން ދިޔައީ 14-14 ގެ ނަތީޖާއަކުން އެއްވަރު ވެއެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

އެހެންކަމުން މިއީ މިހާތަނަށް އެ މުބާރާތުގައި އިތުރު ވަގުތަށް ދާން ޖެހުނު ފުރަތަމަ މެޗެވެ. އިތުރު ވަގުތުގެ ދެ ހާފު ނިމިގެން ދިޔައިރުވެސް އެއްވެސް ޓީމަކަށް ކުރި ނުހޯދުނެވެ.

ނަތީޖާއަކަށްވީ ޕެނަލްޓީއަށް ދިއުމެވެ. މޮޅުވާނެ ޓީމެއް އެހާ ހިސާބަށް ދިޔައިރުވެސް ނޭނގުނެވެ. ދެ ޓީމުގެ ކުޅުން ފެނުނީ ވަރަށް ހަމަހަމަ ކޮށެވެ. އެއީ ދޫކުރުމެއް ނެތް ވާދަވެރި އަދި އެހާމެ ފޯރިގަދަ މެޗެކެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

ޕެނަލްޓީ ޖަހައިގެން ވިލާ ކޮލެޖް މޮޅުވީ 19-16 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހިވުނީ ވިލާ ކޮލެޖްގެ ކީޕަރު މުހައްމަދު ޝައްބާން އެވެ. އޭނާ ވަނީ އިދިކޮޅު ޓީމުން ގޯލަށް އަމާޒުކޮށް ޖެހި އެތައް ބޯޅައެއް ސަލާމަތްކޮށްފައެވެ.

އެ މެޗުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ކްލިކް ކޮލެޖް ގެ ޖާޒީ ނަމްބަރު 70 އަލީ ނާއިޒެވެ. އޭނާ ވަނީ ޖުމްލަ ހަތް ލަނޑު ޖަހާފައެވެ. ނަމަވެސް ދެވަނަ ހާފުގައި އޭނާއަށް ރަތް ކާޑު ދެއްކުމަށްފަހު ދަނޑުން ބޭލިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުމަށް ބަލާއިރު، ކްލިކް ކޮލެޖުން ގުރޫޕް ސްޓޭޖުގައި ކުޅުނު 1 މެޗް އިން މޮޅުވެ، އަނެއް މެޗުން ވަނީ ބަލިވެފައެވެ. ޖުމްލަ 25 ލަނޑު މުބާރާތުގައި އެ ޓީމްއިން ކާމިޔާބު ކޮއްފައިވާއިރު، އެ ޓީމްގެ ކޮޅަށް އެހެން ޓީމުތަކުން 17 ލަނޑު ޖަހާފައިވެއެވެ. ތިން ޕޮއިންޓުގެ ތަފާތުން ގުރޫޕްގެ ދެވަނަ ކުލިކް ހޯދާ ސެމީ ފައިނަލް އިން ޖާގަ ކަޝަވަރު ކޮށްފައި ވަނީ މޮޅު އަދި ވާދަވެރި ކުޅުމެއް ދެއްކުމަށްފަހު އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވިލާ ކޮލެޖުން ބައްދަލު ކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ކަމުގައިވާ މެޕްސް ކޮލެޖާ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 21:15 ގައެވެ.

މި އަހަރުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ރޭގަނޑުގެ ކެއުމެއްގެ އިތުރުން ރިސޯޓް ދަތުރެއް ލިބިގެން ދާނެ ކަމަށް ހިންގާ ކޮމެޓީއިން ބުނެއެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ޓައިޓަލް ސޮޕްންސަރަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓެވެ. ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލް އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރެޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާ އެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.