އެމްއައި ސްޓޫޑެންޓް އެސޯސިއޭޝަން ބަލިކުރުމަށްފަހު އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް މެޕްސް ކޮލެޖުން ގޮސްފިއެވެ.

ރޭ ގައުމީ ހޭންޑްބޯލް ދަނޑުގައި ކުޅެވުނު މި ފޯރިގަދަ މެޗް ނިމިގެން ދިޔައީ 14-12 ގެ ނަތީޖާއަކުންނެވެ. އެއްވަރު އެއްވަރުގައި ނަތީޖާ ހިިފަހައްޓާލަމުން ގޮސް މެޕްސް ކޮލެޖުން ލީޑު ނެނގީ މެޗު ނިމެން ދެތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެހެންކަމުން އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެ މެޗުން މޮޅުވާނެ ޓީމެއް ލަފާކުރަން ނޭނގުނެވެ.

މެޕްސް ކޮލެޖުން މެޗުން މޮޅުވި ނަމަވެސް، އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއައި ކޮލެޖްގެ ގޯލްކީޕަރު އާދަމް ޝައްފާން އަފްޒަލް އެވެ. އޭނާ ވަނީ މެޕްސް ކޮލެޖުން ގޯލަށް އަމާޒުކުރި އެތައް ބޯޅައެއް ދިފާއުކޮށްފައެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް -- ވަގުތު އިމޭޖްސް | ހަސަން ރަޝީދު

އެ މެޗުގައި އެންމެ ގިނަ ލަނޑު ޖެހީ މެޕްސް ކޮލެޖްގެ ޖާޒީ ނަމްބަރު 13 އަހްމަދު ނާސިފް އެވެ. އޭނާ ޖުމްލަ ހަތް ގޯލު ޖެހިއެވެ. ދެން އެންމެ ގިނަ ލަނޑު ކާމިޔާބުކުރީ އެމްއައި ކޮލެޖްގެ ޖާޒީ ނަމްބަރު 11 އިސްމާއިލް ފާރިޝް އެވެ. ޖުމްލަ ހަ ލަނޑު އޭނާ ޖެހިއެވެ.

އެމްއައި ކޮލެޖު ފިރިހެން އަދި އަންހެން ޑިވިޝަނުން ސެމީ ފައިނަލަށް ދިޔައިރު، އެ ދެ ޓީމުވެސް ވަނީ ރޭ ކުޅުނު ދެ މެޗުން ބަލިވެފައި ވެއެވެ. ފިރިހެން ޓީމު މުބާރާތުން ކެޓިއިރު، އެ ޓީމަށް ޖުމްލަ 32 ގޯލު ކާމިޔާބު ކުރެވިފައި ވެއެވެ. އަންހެން ޓީމަށް ކާމިޔާބު ކުރެވުނީ 23 ގޯލެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް -- ވަގުތު އިމޭޖްސް | ހަސަން ރަޝީދު

އެމްއައި ކޮލެޖްގެ ފިރިހެން ޑިވިޝަނުން ބުނީ އެ ޓީމުގައި ގިނައީ ހޭންޑްބޯލް އަލަށް ކުޅޭ ކުޅުންތެރިން ކަމަށާއި، މި މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް އާދެވުމަކީވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފިރިހެން ޑިވިޝަނުން ފައިނަލަށް ދިޔަ މެޕްސް ކޮލެޖު ވާދަކުރަން ޖެހޭ ޓީމު ކަށަވަރު ވެގެން ދާނީ މިރޭ 20:30 ގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށްފަހު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ކްލިކް ކޮލެޖް އަދި ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަން އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ސެމީއިން މޮޅުވުމަށްފަހު މެޕްއިން އިންޓަވިއު ދެނިކޮށް -- ވަގުތު އިމޭޖްސް | ހަސަން ރަޝީދު

މެޕްސްއަށް މިދިޔަ އަހަރުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ލިބިފައިވާއިރު، އަންހެން ޑިވިޝަނުން މިދިޔަ އަހަރު ތަށި ގެންދިޔައީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އެވެ. އެ ދެ ޓީމު މި އަހަރުވެސް ފައިނަލުން މިވަނީ ޖާގަ ކަށަވަރުކޮށްފައެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި އެމްއެންޔޫ ވާދަކުރާ ޓީމެއް ކަށަވަރުވެގެން ދާނީ މިރޭ 21:30 ގައި ބައްދަލުކުރާ މެޕްސް އަދި ކްލިކް ކޮލެޖްގެ މެޗަށް ފަހު އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް -- ވަގުތު އިމޭޖްސް | ހަސަން ރަޝީދު

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ޓައިޓަލް ސޮޕްންސަރަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓެވެ. ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލް އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރެޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާ އެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.