މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުންވެސް ރާއްޖެއިން ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއެވެ. ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލުގައި މަޑަގަސްކަރައިގެ ނެޓިވަލް ޖޮނަތަންއާއި ޑިމްބިމްމިހަރަލަނިޓްރާ ހަރޭނާގެ ޕެއާ ކައިރިން 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފުރަތަމަ ސެޓު 11-9ން ކާމިޔާބުކުރީ މަޑަގަސްކަރައިގެ ޕެއާއެވެ. ފުރަތަމަ ސެޓުން ބަލިވިނަމަވެސް، ރާއްޖޭގެ ޕެއާއިންވަނީ ހިތްވަރުކޮށް، ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް ރަން މެޑަލް ހޯދާފައެވެ. ރަފާއާއި މުންސިފް ސެޓުތައް ކާމިޔާބުކުރީ 11-8، 11-7 އަދި 11-5ންނެވެ.

މިކްސް ޑަބަލްސް އިވެންޓްގައި ރަފާއާއި މުންސިފް ފައިނަލަށް ދިޔައީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި މުހައްމަދު ޝައްފާން އިސްމާއިލް ބަލިކޮށްފައެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ރަފާއާއި މުންސިފް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ތިންވަނަ ހޮވާ މެޗުގައި ދީމާއާއި ޝައްފާންގެ ޕެއާވެސް ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ ޕެއާއަކާއެވެ. ރާއްޖޭގެ ޕެއާއިންވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް، ލޯ މެޑަލް ހޯދާފައެވެ. ސެޓުތައް ކާމިޔާބުކުރީ 11-5، 11-8 އަދި 11-7ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކުރިއަށްދިޔަ އައިއޯއައިޖީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހަމައެކަނި ނާކާމިޔާބުވީ މިކްސް ޑަބަލްސް އިވެންޓެވެ. ނަމަވެސް، އެއާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ މިކްސް ޑަބަލްސްގެ ރަން މެޑަލާއި ލޯ މެޑަލް ހޯދާފައެވެ.