އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމުން ރިހި މެޑަލް ހޯދައިފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމަށް ރިހި މެޑަލް ލިބުނީ ފައިނަލްގައި މޮރިޝަސް އަތުން ބަލިވުމުންނެވެ.

މިއަދު މެންދުރު ކުޅުނު ފައިނަލްގައި ރާއްޖޭގެ މައްޗަށް މޮރިޝަސް އިން ކުރިހޯދީ 3-0 އިންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސިންގަލްސްގައި ހުސައިން ޒަޔާން ޝަހީދު ޒަކީ އަތުން މޮރިޝަސްގެ ޖޫލިއެން ޕައުލް އަތުން ބަލިވީ 10-21، 9-21 އިންނެވެ.

ދެވަނަ ސިންގަލްސްގައި މޮރިޝަސްގެ އެލެގްޒެންޑާ ބޮންގޯޓް އަތުން ރާއްޖޭގެ އަހުމަދު ނިބާލް ބަލިވީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބޮންގޯޓް ކާމިޔާބުކުރީ 21-13، 21-18 އިންނެވެ.

ފައިނަލް މެޗުގެ ތިންވަނަ ސިންގަލްސްގައި ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު އަތުން މޮރިޝަސްގެ ކެމްޓިޝް ނަންދާ މޮޅުވީ 13-21، 13-21 އިންނެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމުގެ އިތުރުން އަންހެން ޓީމު ވެސް ވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ.