މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޕެރަ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުގެ އިވެންޓުން، ފާތިމަތު އިބްރާހިމް އާއި އަބްދުލްރައްޒާގު ބްރޯންޒް މެޑަލް ހޯދައިފިއެވެ.

މި ދެ އެތުލީޓުންވެސް އައިއޯއައިޖީއަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދެ އެތުލީޓުންގެވެސް ކޯޗަކީ މަސްއޫދެވެ. ރާއްޖޭގައި ރަސްމީކޮށް ޕެރަލިމްޕިކް ކޮމިޓީ އުފައްދާފައިވަނީ 2019 ވަނަ އަހަރުއެވެ.

ޕެރަ އެތުލެޓިކްސްގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އަބްދުލް ރައްޒާގު ވާދަކުރަން އޮތް ހީޓަށް އެއް ބައިވެރިއަކު ހާޒިރުނުވާތީ، ރައްޒާގަށް ފައިނަލުގެ ޖާގަ ވަނީ ލިބިފައެވެ. ފައިނަލުގައި ވާދަކޮށް، އަބްދުއްރައްޒާގު ތިންވަނަ ހޯދާފައިވަނީ، ގައުމީ ރެކޯޑަކާއެކު 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެކުރިން މި ރެކޯޑު 2019 ވަނަ އަހަރުގެ ގޭމްސްގައި ހަދާފައިވަނީ މާޒިން އެވެ.

މިއަދުގެ ހެނދުނު ކުރިއަށްދިޔަ ހީޓުތަކަށް ފަހު، ޕެރަ އެތުލެޓިކްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުން، ފާތިމަތު ފައިނަލަށް ދިޔައީ ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. ފައިނަލުގައި ވާދަކޮށް، ފާތުން ތިންވަނަ ހޯދާފައިވަނީ 17.34 ސިކުންތުން ރޭސް ނިންމައިގެނެވެ. ފާތުންގެ ގައިޑް ރަނާ އަކީ ޝަމްހާ އެވެ.

ހަމައެހެންމެ، 100 މީޓަރު ދުވުމުން ރާއްޖޭގެ ރޫޔާ ވަނީ ހަތަރުނައިގައި ރޭސް ނިންމައި، ފައިނަލުން ޖާގަ ހޯދާފައެވެ. އޭނާ ހީޓުގެ ހަތަރުވަނަ ހޯދާފައިވަނީ 12.45 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާގެ އިތުރުން، މި އިވެންޓުގައި ރާއްޖެއިން ވާދަކޮށްފައިވަނީ އަހުނާ ނިޒާރު އާއި މަރިޔަމް އަލްހާ ހުސައިން އެވެ.