ބާސެލޯނާއިން ޕައުލް ޕޮގްބާއަށް މަރުހަބާ ކިޔާނެ ކަމަށް ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕޮގްބާ، އެޓީމުގެ ކޯޗު މޮރީނިއޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ އިރު، މޮރީނިއޯ ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ދަށް ފޯމާއެކު މީޑިއާގައި އަނެއްކާވެސް ޕޮގްބާގެ ޓްރާންސްފާގެ ވާހަކަ ވަނީ ގަދަވެފައެވެ.

ޕޮގްބާގެ ޓްރާންސްފާ ވާހަކަތަކާ ގުޅިގެން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފައި ވަނީ އެވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، ޔުނައިޓެޑްގެ ކޯޗާއި ޕޮގްބާއާ ދެމެދު އޮންނަ މައްސަލައެއްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ކޯޗު ވަލްވާޑޭ އެހެން ބުނެފައި ވަނިކޮށް ބާސާގެ ތަޖުރިބާކާރު ޑިފެންޑަރު ޕީކޭ ބުނެފައި ވަނީ ޕޮގްބާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އޭނާއަށް ކޮންމެ ޓީމަކުންވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

"ޕޮގްބާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. ހާއްސަކޮށް އެންމެ މޮޅު އެއް މިޑްފީލްޑަރު. އޭނާއާ ކްލަބާ ދެމެދު އޮތް މައްސަލައެއް ނޭނގެ. އެކަމަކު އޭނާ ބާސާއަށް އައުން ވެގެންދާނީ ވަރަށް ބޮޑު އުފާވެރި ކަމަކަށް. ކޮންމެވެސް ދުވަހަކުން އެކަން ވާނެ ކަމަށް އުންމީދުވެސް ކުރަން،" ޕީކޭ ބުންޏެވެ.

ޕްރިމިއާ ލީގުގެ ޓްރާންސްފާ ބަންދުވެފައިވީ ނަމަވެސް، ލަލީގާގެ ޓްރާންފާ ބަންދު ވާނީ އަންނަ ހުކުރު ދުވަހުގައެވެ. ޓްރާންސްފާ މާކެޓް ބަންދުވުމަށް ދެ ދުވަހަށް ވެފައިވާ އިރު، ބާސާއިން ޕޮގްބާއަށް ބިޑެއް ކުރުން އެކަށީގެންވެއެވެ.

ބާސާއިން މި ސީޒަނަށް ނުކުތީ ވަރުގަދަ ޓްރާންސްފާތަކަކާ އެކުގައެވެ. އެގޮތުން އެޓީމުން ވަނީ ފްރާންސްގެ ބޯޑޯއަށް ކުޅުނު މެލްކޮމްގެ އިތުރުން ބަޔާން މިއުނިކަށް ކުޅެމުން ދިޔަ އަރުތޫރޯ ވިޑާލްވެސް ޓީމަށް ގެންގޮސްފައެވެ.