ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އަދި ޖަޕާނުގެ ފުޓުބޯޅަ ފެޑެރޭޝަން އާއި ގުޅިގެން 19 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކްލަބު ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާ އަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕް 2018: މާޒިޔާ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝަާބިލް

މެޗުގެ ފުރަތަމަ ހާފުގައި ގިނައިން ބޯޅަ ހިފަހައްޓައިގެން ގްރީން ސްޓްރީޓްސް އިން ކުޅެފައި ވާއިރު މާޒިޔާ އިން ވަނީ ކައުންޓާ އެޓޭކް ސްޓައިލަށް ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ. މެޗުގެ ފުރަތަމަ ގޯލު އަދި 19 އަހަރުން ދަށުގެ މި މުބާރާތުގެ ވެސް ފުރަތަމަ ގޯލު ކާމިޔާބު ކޮށްފައި ވަނީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން މޫސާ އަޒީމް ހަސަން އެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ގްރީން ސްޓްރީޓްސް އަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ސަޔަމް ކަނޑައިދިން ބޯޅަ އަކުންނެވެ.

މި ހާފުގައި ގްރީން ސްޓްރީޓްސް އިން ބޮޑަށް ހަމަލާ ތަކެއް އުފައްދާފައި ވީނަމަވެސް މާޒިޔާ އިން ވަނީ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. އެޓީމުގެ މެދުތެރެއިން ބޮޑު ބޯޅަ ތަކެއް ކުޅެން މަސައްކަތް ކޮށްފައި ވީނަމަވެސް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން އަދި އެޓީމުގެ ކީޕަރު ވަނީ ގިނަ ބޯޅަ ތައް ދިފާއު ކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 2018: މާޒިޔާ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝަާބިލް

ދެވަނަ ހާފު ފެށިގެން އައި އިރު 0-1 ގެ ނަތީޖާ އަކުން ގްރީން ސްޓްރީޓްސް ކުރީގައި އޮތް ނަމަވެސް މާޒިޔާ އިން ވަނީ ވަރުގަދައަށް ދެވަނަ ހާފު ފަށާފައެވެ. މީގެ އިތުރުން ދެވަނަ ހާފު ފެށިގެން މާގިނަ އިރު ތަކެއް ނުވެ މާޒިޔާ އިން ވަނީ ގްރީން ސްޓްރީޓްސް ކޮޅަށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މިލަނޑާއި އެކު މާޒިޔާގެ ކުޅުން ރަނގަޅު ވެފައި ވީއިރު އެޓީމުން އައީ ގްރީން ސްޓްރީޓްސް ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ.

ދެވަނަ ހާފުގައި މާޒިޔާ އިން ބޯޅަ ހިފަހައްޓައި ގިނަ ވަގުތު ކުޅެފައި ވާއިރު ގްރީން ސްޓްްރީޓްސް އިން އައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުން އުފެއްދި ހަމަލާ އަކުން މާޒިޔާގެ ގޯލަށް ފޮނުވާލި ބޯޅަ އެއް ގޯލުގެ ރޮނގު މަތިން މާޒިޔާ ޑިފެންޑަރު ވަނީ ދިފާއު ކޮށްފައެވެ. މިހާފުގައި ގިނަ ހަމަލާތަކެއް މާޒިޔާ އިން ހަދަމުން އައި ނަމަވެސް ގްރީން ސްޓްރީޓްސް ކޮޅަށް އިތުރު ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

 

މުބާރާތުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އަދި މާޒިޔާ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަޔަމް ސައީދު އެވެ. އޭނާ އަކީ ކުރިން ގައުމީ ޓީމަށް ކުޅެ ސާފު ޗެމްޕިއަންޝިޕު ތަށި ކާމިޔާބު ކުރި ޓީމުގައި ހިމެނޭ އަހްމަދު ސައީދު (އައްމަޓީ) ގެ ދަރިފުޅެވެ.

މިރޭވެސް މުބާރާތުގެ އިތުރު މެޗެއް ގަލޮޅު ދަނޑުގައި ކުރިޔަށް ދާނެއެވެ. މިމެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓް އަދި މިދިޔަ ތިން އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކްލަބު އީގަލްސްއެވެ.