ފަނައަހަރުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު ނިންމާލާ އެމެރިކާގެ މިޑްފީލްޑަރު ކްލިންޓް ޑެމްޕްސީ ރިޓަޔާކޮށްފިއެވެ.

ކުރިން އިނގިރޭސި ލީގުގެ ޓޮޓެންހަމްއާއި ފުލްހަމްއަށްވެސް ކުޅުނު ޑެމްޕްސީ ރިޓަޔާކޮށްފައި ވަނީ އުމުރުން 35 އަހަރުގައެވެ. ޑެމްޕްސީއަކީ އެމެރިކާގެ ކުޅުންތެރިއަކަށް ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި 57 ގޯލް ޖަހައިފައެވެ.

އޭގެ އިތުރުންވެސް އޭނާ ވަނީ އެމެރިކާގެ ގައުމީ ޓީމަށްވެސް 57 ގޯލް ޖަހައިފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި އޭނާވެސް ހިމެނެއެވެ. ގައުމީ ޓީމަށް ކާމިޔާބު ކުޅުމެއް ދެއްކުމަށްފަހު މިހާރު ރިޓަޔާކޮށްފައިވާ ލެންޑޮން ޑޮނަވަންވެސް ގޯލް ޖަހާފައި ވަނީ އެ އަދަދަށެވެ.

ރިޓަޔާމެންޓާ ގުޅިގެން ޑެމްޕްސީ ބުނެފައި ވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމަކީ އަބަދުވެސް އޭނާ ދެކެމުންދިޔަ ހުވަފެނެއް ކަމަށާއި، އޭނާގެ ކެރިއަރަކީ އުފާވެރި ކެރިއަރެއް ކަމަށެވެ.

ދެހާސް ހަތަރުވަނަ އަހަރު އެމެރިކާގެ ނިއު އިންގްލެންޑް ރިވޮލިއުޝަންއިން ޕްރޮފެޝަނަލް ކެރިއަރު ފެށި ޑެމްޕްސީ ވަނީ 2007 ވަނަ އަހަރު ޕްރިމިއާލީގުގެ ފުލްހަމްއާ ގުޅިފައެވެ. 2012 ވަނަ އަހަރު ޓޮޓެންހަމްއާ ގުޅުމުގެ ކުރިން ޑެމްޕްސީ ވަނީ ފުލްހަމްއަށް 50 ގޯލް ޖަހައިދީ، އެޓީމާއެކު 2010 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅެފައެވެ. ޑެމްޕްސީ އަކީ ޔޫރަޕްގެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލް ކުޅުނު އެމެރިކާގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

ޓޮޓެންހަމްގައި މަދު ދުވަސްކޮޅެއް ހޭދަކުރުމަށްފަހު ޑެމްޕްސީ މިދިޔަ ހަތަރު ސީޒަންވެސް ހޭދަކޮށްފައި ވަނީ އަމިއްލަ ގައުމުގެ ސީޓަލް ސައުންޑާސްގައެވެ. ގައުމީ ޓީމަށް 141 މެޗު ކުޅެދީފައިވާ އިރު، އޭނާ ވަނީ 2006،2010ގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް އެމެރިކާ ތަމްސީލު ކޮށްދީފައެވެ.