އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތް ހުކުރު ދުވަހުގެރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

ކުޅުދުއްފުށި ސިޓީގެ އެންމެ ހިންގުންތެރި އެއްކުލަބު ކަމުގައިވާ "ޒިގްޒެގް" އިން އިސްނަގައިގެން ބާއްވާ މިމުބާރާތުގައި 11 ޓީމު ވާދަކުރެއެވެ. އެހެން މުބާރާތްތަކާއި ޚިލާފަށް މިފަހަރުގެ މުބާރާތަކީ ފެންވަރު ރަނގަޅު އަދި ފޯރިގަދަ މުބާރާތަކަށް ހެދުމަށް ޒިގުޒެގުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެެގޮތުން ހުރިހާ މެޗެއް ފޭސްބުކް ލައިވް ގެނެސްދޭއިރު، ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމްއިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު މިމުބާރާތް ބޭއްވުމަށް ތައްޔާރުވެފައިވާއިރު ޒިގްޒެގުން ހާމަކުރާ ގޮތުގައި މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދުކަމަށް ޒިގްޒެގުން ހާމަކުރެއެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މުބާރާތުގެ މެޗު ޝެޑިއުލް

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ. މިކުލަބުގެ އަމާޒަކީ މިމުބާރާތަކީ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ވަރަށް ފުރިހަމަ ލިޔުމެއް